މޯލްޑިވިއަން އައިޑޮލް

ކަޓައިގެން ދާނެ މީހަކު ލަފާކުރަން އެނގޭ ވަރަށް ވުރެ ހުނަރު މުއްސަނދި!

ހަގީގަތަކަށް ވާހަކަ ދައްކާ ނަމަ ބުނަން ޖެހެނީ ޕިއާނޯ ރައުންޑުން ޝިފާ އިބްރާހީމް އާއި ރިހާނީ ކަޓައިގެން ދިއުމަކީ ސަޕްރައިޒެއް ނުވަތަ ބެލުންތެރިންނަށް ކުޑަވެސް ހައިރާންކަމެއް ލިބިގެން ދިޔަ ކަމެއް ނޫން ކަމަށެވެ. ޕިއާނޯ ރައުންޑްގެ ސޯލޯ ޕާފޯމެންސާ ހަމައިން ބެލުންތެރިން އެ ޝިފާ އަކާއި ރިހާނީއެއް ކަޓުވާލައިފި އެވެ.

އެ ބުރުން ސަލާމަތްވެ ޝަރަފްވެރި ގާލާ ރައުންޑަށް ހޮވުނު ލަވަކިޔުންތެރިންނަށް ކުރާ އިހްތިރާމެއްގެ ގޮތުން ވެސް ބުނަން ޖެހެނީ ޕިއާނޯ ރައުންޑުން ޝިފާ އާއި ރިހާނީ ކަޓައިގެން ދިއުމަކީ އެންމެ ހައްގުގޮތް ކަމެވެ.

އެހެން ނަމަވެސް މި ޕިއާނޯ ރައުންޑެއްގެ ދެ ވަނަ ގްރޫޕަށް ނިސްބަތްވާ އަށް ލަވަކިޔުންތެރިންނާ މެދު ގޮތެއް ނިންމަން ބެލުންތެރިންނަށް އަދި ޖަޖުންނަށް ވެސް ފަސޭހަވާނެހެނެއް ހީއެއް ނުވެ އެވެ. ސަބަބަކީ ޝިފާ އާއި ރިހާނީ ކޮލިޓީގެ ލަވަކިޔުންތެރިޔަކު މި އަށް ކުދިންގެ ތެރޭގައި ނުހިމެނޭތީ އެވެ.

ޕިއާނޯ ރައުންޑްގެ ދެ ވަނަ ގްރޫޕް

  • އަބްދުﷲ ޒިޔާއު
  • އަބްދުﷲ ސޯދިގު
  • ޝަލަބީ އިބްރާހިމް
  • ފާތިމަތު ނަބަތު
  • މުހައްމަދު އިޝާން
  • މުހައްމަދު ޒަލީފް
  • ސާނިހް އަލީ
  • ފާތިމަތު އަޒްލީމާ

މި އަށް ލަވަކިޔުންތެރިންނެވެ. މީގެ ތެރޭގައި މީހަކަށް ދޫކުރާނެ މީހަކު ނެތެވެ. ލަވަކިޔުމުގެ ފެންވަރަށް ބެލިނަމަވެސް އަދި ބެލުންތެރިންގެ މެދުގައި ހޯދާފައިވާ މަގްބޫލުކަމަށް ނުވަތަ ޖަޖުންގެ މެދުގައި އޮތް ތާއީދަށް ބެލި ނަމަވެސް މިއީ ވަރަށް ހަމަހަމަ ލަވަކިޔުންތެރިންތަކެކެވެ.

"މިދިޔަ ގްރޫޕުން ޝިފާ އާއި ރިހާނީ ކަޓައިގެން ދާނެކަން އެނގިއްޖެ އެ ގްރޫޕްގެ ސޯލޯ ލަވަކިޔުމާ ހިސާބުން. އެކަމަކު މިރޭ ކަޓައިގެންދާނީ މިވެނި އެވެނި މީހެކޭ ބުނާކަށް ހަމަ ނޭނގޭ. އަސްލު ތެދުތެދަށް ބުނަނީ ނަމަ މި އެންމެނަށް ވެސް ގާލާ ރައުންޑަށް ދެވޭނެ ނަމައޭ ހިތަށް އަރާ،" ގަވާއިދުން މޯލްޑިވިއަން އައިޑޮލް ބަލަމުން އަންނަ ޝޯގެ ނިކަން ބޮޑު ފޭނެއް ކަމުގައިވާ ސަމާ ބުންޏެވެ.

"އަޅުގަނޑު އެންމެ ތާއީދުކުރަނީ އިޝާން އަށް. އެކަމަކު ހީވަނީ މި އެންމެން ވެސް ގާލާ ރައުންޑަށް ގެންގޮސްގެން ތަމްރީން ދީފި ނަމަ ވަރަށް މޮޅުވެދާނެހެން."

އެކަމަކު މޯލްޑިވިއަން އައިޑޮލް ލިބެން އޮތީ މި އެންމެންގެ ތެރެއިން އެކަކަށްކަން ސަމާ އަށް ވެސް އަދި އައިޑޮލްގެ ބައިވެރިންނާއި މުޅި ރާއްޖެ އަށް ވެސް އެނގެ އެވެ.

"އަޅުގަނޑަކަށް ވެސް ނުކެރޭނެ މިރޭ ކަޓާނީ ވަކި މީހެކޭ ބުނާކަށް. ޔަގީނަށް ވެސް މި ގްރޫޕްގެ ލަވަކިޔުންތެރިންގެ މެދުގައި މި ތިބީ އެއްވަރަކަށް ޓެލެންޓްހުރި ކުދިންތަކެއް،" އެހެން މީހަކު ބުންޏެވެ.

އެހެންވީމަ މޯލްޑިވިއަން އައިޑޮލްގެ މިހައި ހިސާބުން ނޭވާ ހިފަހައްޓާލަން ޖެހޭ ނަމަ މި ޝޯގެ ކުރިއަށް ހުރި ރައުންޑްތަކުގައި މީހުން ހޭނެތިގެން ސިޓިންގްރޫމުތަކަށް ވެއްޓޭވަރު ވެސް ވާނެއެއް ނޫން ހެއްޔެވެ؟ ބުނެވޭ ގޮތުގައި ގާލާ ރައުންޑަކީ މޯލްޑިވިއަން އައިޑޮލް ރަނގަޅަށް ފެށޭ ރައުންޑެވެ.

އެއީ ތެދެކެވެ. މިއޮތްހާ ދުވަހު ކުރި މަސައްކަތްތަކުންނާއި ފުރޭނި ފުރޭނުންތަކުން ދެން ފެނިގެންދާނީ ސީދާ މޯލްޑިވިއަން އައިޑޮލްގެ ކޮލިޓީގެ ލަވަކިޔުންތެރިންނެވެ. ވަކި މީހަކަށް ލަވަނުކިޔެއޭ ކިޔާފައި ބާކީކޮށްލަން ޖެހޭ ފެންވަރުގެ ލަވަކިޔުންތެރިޔަކު ދެން މި ޝޯއަކުން ނުފެންނާނެ އެވެ.

ގާލާ ރައުންޑަށް ދަތުރުކޮށްފައިވާ ލަވަކިޔުންތެރިން

  • ލައިޝާ ޖުނައިދު
  • މުހައްމަދު އިފްހާމް
  • މުހައްމަދު މުއައްޒިމް
  • އަބްދުﷲ ފާލިހް
  • އިބްރާހިމް އަމާން
  • އަހުމަދު ނަޒީހް

މިއީ މިހާތަނަށް ގާލާ ރައުންޑުން ފުރުސަތު ހޯދާފައިވާ ލަވަކިޔުންތެރިންނެވެ. އެހެންވީމަ މިރޭގެ އެލިމިނޭޝަން ރައުންޑުން ބާކީވާ ދެ ކުދިންނަށް ފަހު ގާލާ ރައުންޑަށް ހޮވޭ އަނެއް ހަ ބައިވެރިންނާ އެކު މޯލްޑިވިއަން އައިޑޮލްގެ ކުރިއަށް އޮތް ޝޯގެ ފޯރި އާއި ވާދަވެރިކަން ގަދަވެގެންދާނެ މިންވަރު ހިޔާލަށް ގެންނަވާށެވެ.

ޝޯގެ ޖަޖު އައްމަޑޭގެ ބަހުރުވައިން ބުނަނީ ނަމަ މި ލަވަކިޔުންތެރިންނާ އެކު ގާލާ ރައުންޑުގައި ސްޓޭޖު ދާނީ ފަޅައިގެންނެނެވެ.