ދަ ޑިމޮކްރެޓްސްއާ އެކު ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިއަދު ބޭއްވެވި ބައްދަލުވުމުގައި ރަނގަޅު ހަރުދަނާ ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން ވަރަށް ރަނގަޅު މައުލޫމާތުތަކެއް ޑިމޮކްރެޓުން ހިއްސާކޮށްފައިވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓުންނާއި ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިއަދު ބައްދަލުކުރެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގައެވެ.
މިބައްދަލުވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރެޓުންގެ އިސް ބޭފުޅުންނަކީ ކުރިން ސަރުކާރެއް ހިންގަވައި އެކަމުގެ ތަޖުރިބާތަކެއް ހުންނެވި ބޭފުޅުން ކަމަށެވެ. އެހެންކަމުން މިއަދުގެ ބައްދަލުވުމުގައި ގައުމީ އެއްބައިވަންތަކަމުގެ ރަނގަޅު ހަރުދަނާ ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވި އެވެ.
"ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ މިދެންނެވިހެން އަދުލުއިންސާފު ގާއިމުކުރުމާއި ހަމަހަމަކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދޭނެ ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް ޕީއެންސީއާ އެކު ސަރުކާރެއް އެކުލަވާލުމަށް ޑިމޮކްރެޓުން އެއްވެސް އެއްބަސްވުމެއް ހަދާފައި ނެތް ނަމަވެސް ޑިމޮކްރެޓުން ގެންދަނީ ޑރ. މުއިއްޒުގެ ސަރުކާރުގައި އެ ޕާޓީން ބައިވެރިވާނެ ކަމަށް ބުނަމުންނެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު އެކުލަވާލާ ސަރުކާރު ވެގެންދާނީ ވަކި ޕާޓީއަކަށް އިސްކަން ދިނުމުގެ ބަދަލުގައި އިލްމީ ގާބިލް ބޭފުޅުން ހިމެނޭ އެއްބައިވަންތަ ސަރުކާރެކެވެ. އެކަމަކު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ އެއްވެސް މައުލޫމާތެއް އިންތިހާބީ ރައީސް އަދި ހިއްސާކުރައްވާފައެއް ނުވެ އެވެ.