ވާހަކަ

ގަހަނާ ފޮށި

( 8 އޮކްޓޯބަރ 2023 އާ ގުޅޭ )

އިދިފުށަށް ޖެހިފައި އޮތް އެ އަންހެން މީހާގެ އަނގަޔަށް ފައިސަލްގެ މަންމަ ހުރެ އެއްޗެއް ގަންނަވަނީއެވެ. އޭރު އޭނާގެ ފުރާނަ މުޅިއަކުން ނުދެއެވެ. އޭނާގެ މޫނު އަނބުރާލި ހިނދު ބޮޑެވެފައިވާ ދެ ލޯ ފައިސަލްއާ އަމާޒުވެގެން އައެވެ. އިންސާނެއްގެ އަނިޔާވެރި މަރު ފައިސަލް ދުށް ފުރަތަމަ ފަހަރަކީ އެއީއެވެ. ފައިސަލްގެ ވަށައިގެންވީ ދުނިޔެ އަބަދަށް ޓަކައި ބަދަލުވީ ރެއަކީ އެރެޔެވެ. ފޭރާއަށް އެމުނިފައި އޮތީ ލުބުނާއެވެ.

ވަލުފަރާތުން މައިގޭގެ ބޭރުގައި ފަސްވޯޓުގެ ބޮތްކެއް ރޭގަނޑަށް ދިއްލައެވެ. އޭގައި މާބޮޑު އަލިކަމެއް ނުހުރެއެވެ. ހަނދުވަރު ނުދޭ ރެއެއްނަމަ ގޯތީގެ ދެ ފަރާތާއި ވަލުދޮރޯށްޓާ ދިމާ އޮންނާނީ އަނދިރިގަނޑެއް ހެންނެވެ. ގޭގެ ބިއްދޮށަށް އޮންނަނީ ގަސްބޯ ޖަންގައްޔެވެ. ބިއްދޮށްފަރާތުން މައިގޭގެ ދޮރުމަތީ ހަރަކާތެއްނުކޮށް ހުރި ފައިސަލް ފެނުމާއެކު އޭނާގެ ގާތަށް މަންމަ އައީ ދުވަމުންނެވެ. ފެންނަމުންދިޔަ މަންޒަރުގެ ހުރަހަކަށްވާނޭ ހެން މަންމަ އެރީ ފައިސަލްގެ ކުރިމައްޗަށެވެ. މުލައްދަނޑީގައި ހިފައި ތަޅުވައިގަންނަމުން ބޭރަށް ނުކުތީ ކީއްކުރަންތޯ މަންމަ އޭނާއާ ސުވާލުކުރިއެވެ. އޭރު މަންމަގެ މޫނުން ފެންނަމުންދިޔަ އަސަރުތަކަށް ފައިސަލް ބަލަން ހުރީ އެ ޖަޒުބާތުތަށް ދެނެގަންނަން ނޭނގިފައި ހުރި ފަދައަކުންނެވެ. މަންމަގެ މޫނުން ހާސްކަމާއި ކަންބޮޑުވުމާއި ބިރާއި ދެ ލޮލުގައި ކަރުނައިގެ ތެތްކަން ފާޅުވޭވޭ ހުއްޓެވެ.

ކޮޓަރިއަށް ދާން ބުނެ ގޭތެރެއަށް ވެއްދީމާ ވެސް ފައިސަލް ނުދިޔައެވެ. އޭނާ ސުވާލު ކުރީ ލުބުނާއާ ބެހޭ ގޮތުންނެވެ. އެއީ ކާކުތޯ އެއްސެވެ. މަންމަގެ މޫނުން ހިތްދަތިކަމާއެކު ރުޅިވެރިކަން ކުރި ހޯދިއެވެ. ފައިސަލްގެ ބުއްދިއަށް ފޮނުވާލެވުނު ވިހައަކަށް މަންމަގެ ކޮންމެ ލަފުޒެއް ވިއެވެ. ފައިސަލްގެ މުސްތަޤްބަލަށް އެޅިގެންދިޔަ ކަޅު ހިޔަންޏަކަށް އެރޭ ވިއެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް ހުރިހާކަމެއްގައި މަންމަގެ އެންމެ ގާތުގައި ހުރީ ފައިސަލްއެވެ. މަންމަ އެކަނިމާއެކަނި ލުބުނާގެ ހަށިގަނޑު ހިއްލައެއް ނުލެވުނެވެ. ފައިސަލް އައިސް ލުބުނާގެ ދެ ފައި ނަގައި އޭނާގެ ދެ ކޮނޑަށް ލިއެވެ. ދެމައިންވެގެން ފޭރާއިން ލުބުނާ ނަގައި ބިންމަތީގައި އަޅާފައި އޮތް ގޯނި މައްޗަށް ވައްޓާލިއެވެ. މަންމަ ހިންދެމިލުމާއެކު ފޭރާގައި ދެ އަތުން ހިފައި ތަޅުވަންފެށިއެވެ. ފުދޭވަރަކަށް އަޑިއަށް ޖަހާފައި ހުރި އެ ފޭރާ ބިމުން އުފުރާލުމަށް މަންމައަށް ވެސް ވަގުތު ނެގިއެވެ. އެ ހުރިހާއިރު ލުބުނާގެ ބޯކޮޅާވީ ދިމާގައި އުޑުފައިން އިށީނދެ ދެ އަތުގައި ދަތްދޮޅި އަޅުވާލައިގެން އެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން ފައިސަލް އިނެވެ. އަނދިރިކަމަށް ލޯ ހޭނޭކަށް ގިނައިރެއް ނުނެގިއެވެ. އޭނާއަށް ލުބުނާގެ ސޫރަ ފެނުމުން އެއީ ރީތި އަންހެނަކަށް ވިއެވެ. އަދި އޭނާގެ މަންމައަށްވުރެ މާބޮޑަށް ވެސް ޒުވާނެވެ.

"ބަލާ. ރަނގަޅަށް ބަލާ... ކަލޭ ވެސް ތީ ހަމަ ކަލޭގެ ބައްޕަ. ތީ ކަލޭމެންނަށް ލިބެން އުޅުނު ދޮންއަމާ... މިގެއާ ހުރިހާ މުދަލަކަށް ވެރިވެ ކަލެއާއި ފަޒީލު ބާކީކޮށްލަން އުޅުނު އަންހެނާ." ވަރުބަލިވެފައިވީ ނަމަވެސް މަންމަގެ އަޑުގައިވީ ނުރުހުމެވެ. ފައިސަލްގެ ފަހަތުގައި ހުރެ އެފަދަ އެތައް ވާހަކައެއް މަންމަ ދައްކައިފިއެވެ. ރީތި ސިފައެއް ލިބުނީމާ ބައްޕަ ހައްލާލައި ފައިސަލްމެންގެ ޢާއިލާގެ ހަމަޖެހުން ނަގާލީކަން މަންމަ ބުނެއެވެ. އެކަހަލަ ރީތި ސިފައެއް ލިބިއްޖެ ކޮންމެ އަންހެނަކަށް ވިޔާނުދާ ކޫޑިއެއްގެ ލަގަބު މަންމަ ދީފިއެވެ. ފައިސަލްގެ މަންމައަކީ ކަންކަން ރޯފިލާފައި ހުރި އަންހެނެކެވެ. މަންމަ ދޭ އިރުޝާދުގައި ފައިސަލް ހިފިއެވެ. ގޯނިގަނޑު ދެމައިންވެގެން ދަމަމުން ވަލަށްވެއްދިއެވެ. އެއަށްފަހު ގެއިން ބޮޑު މަސްވަޅިއަކާއި އުދައްޔެއް ހިފައިގެން މަންމަ ވަލަށް ވަނީ ފައިސަލް ކައިރީ ގޭގައި މަޑުކުރަން ބުނެފައެވެ. ދަންވަރުގެ އަނދިރިކަމުގައި ބިރުގެކަންފުޅެއްނެތި ވަލުފަރާތު ފާރުބުރި މަތީ ފައިސަލް އަރާ އިނެވެ. އެނބުރި މަންމަ އަންނަންދެނެވެ. އެއީ އުމުރުން ހަތް އަހަރުގެ ކުއްޖެއްގެ އުޅުމެއްނޫނެވެ.

އޭގެ ދެތިން ދުވަސްފަހުން ގެއަށް ފުލުހުން އަތުވެއްޖެއެވެ. އޭރު މަންމަ އޮތީ އެރޭގެ ހާދިސާގެ ސަބަބުން މަންމަނޫނީ ބައްޕަ، ކޮންމެވެސް އެކަކު އެ ޢާއިލާއާ ދުރަށް ދާންޖެހޭނެކަން ފައިސަލް ކައިރީ ބުނެފައެވެ. ބައްޕައަށްވުރެ މަންމަ މުހިންމެވެ. ފައިސަލް ހިމޭންވެ ހުރީ އެހެންވެއެވެ. ފުލުހުން މަންމަ ގެންގޮސްދާނެތީއެވެ. ހުރިހާ ވަގުތެއްގައި ފައިސަލްއާއި ފަޒީލާއެކީ އުޅެނީ މަންމަ ވިއްޔާއެވެ. އެހެންވިޔަސް ފައިސަލް އަޖައިބުވީ ފުލުހުން ބައްޕަގެ ބޮލުގައި އިލްޒާމު އެޅުވީމައެވެ. ބިޑިއަޅުވައިގެން ގެއިން ނެރިގެން ބައްޕަ ގެންދިޔަގޮތަށް ދެން އިވުނީ ދުވަހަކުވެސް ބައްޕަ އެނބުރި ނާންނާނޭކަމުގެ ޚަބަރެވެ. ބައްޕަ ނެތުމުން ޢާއިލާގެ ޒިންމާ ނަގަން ހުރީ ޢާއިލާގައި ހުރި ދޮށީ ފިރިހެންކުއްޖާކަން މަންމަ ވިސްނައިދިނެވެ. ފައިސަލް ބޮޑުވެ ހަރު ޒުވާނަކަށް ވަންދެން ހުރިހާކަމެއް ބަލަހައްޓަމުން އައީ މަންމައެވެ.

ގެސްޓްހައުސްއެއް އަޅަން ފައިސަލް ނިންމީ އެކަނި ދިރިއުޅޭން ބޭނުންވެގެންނެވެ. އޭނާގެ ހަރަކާތްތަކަށް މަންމަ ފަރާލާކަން އެނގޭތީއެވެ. ޒުވާނަކަށްވެފައިވާއިރު ފައިސަލް ހުރީ މިނިވަންކަން ބޭނުންވެފައެވެ. އޭނާގެ ހިތްހަމަޖެހުންވަނީ އެހެން އިންސާނުން ހިތްހަމަޖެހުން ހޯދާފަދަ ކަންކަމުގައެއްނޫނެވެ. އޭނާ ގެސްޓްހައުސް އަޅަން ބިންނެގީ ބޭނުންވާ މިނިވަންކަން ލިބޭނެ ސަރަޙައްދަކުންނެވެ. އެކަމަށް ޓަކައި އޭނާވަނީ އޭރު ހުރި ކައުންސިލަށް މޭޒުދަށުން ފައިސާ ޚަރަދުކޮށްފައެވެ. އޭނާގެ މިނިވަން އެހެނަސް ސިއްރު ދިރިއުޅުން ފެށުނީ އެހިސާބުންނެވެ.

ފައިސަލްއާ އަނުމް ބައްދަލުވުމަކީ އިއްތިފާގެކެވެ. އެ އަންހެންކުއްޖާގެ ބަދުނަސީބުކަމެވެ. މަންމަ ގޮވައިގެން އަތޮޅު ހޮސްޕިޓަލަށް ފައިސަލް ދިޔަ ދަތުރެކެވެ. ބޭސްފިހާރަ އިން ނުކުމެ ހިނގައިގަތް ފައިސަލްގެ ފިޔަވަޅު މަޑުޖެހިލިއެވެ. ކުއްލިއަކަށް ފައިސަލްގެ ސިކުނޑީގެ ތެރޭ ލެއްޕިފައިވާ މާޒީގެ ދޮރެއް ހުޅުވުނު ކަހަލައެވެ. ލޯ ކުރިމަތިން ލުބުނާގެ މޫނުކޮޅު ސިފަވެގެން އައީއެވެ. ބޮޑުވެ ހުޅުވިފައި ހުރި ލުބުނާގެ ލޮލަށްވުރެ ކުރިމަތިން ހިނގާފައި އައި އަންހެންކުއްޖާގެ ކަޅިރަވަ އެތައްގުނައެއް ރީއްޗެވެ. ފައިސަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެ އަންހެންކުއްޖާ މަގުމައްޗަށް ނަޒަރު ހިންގާލީ ފައިސަލްގެ އެ ހިނިތުންވުން ރައްދުކުރީ އޭނާއަށްކަމެއް ޔަގީންނުވެގެންނެވެ. މަގުގައި އެމީހުން ނޫން ބަޔަކު ނެތެވެ. ލަދުވެތި ހިނިތުންވުމެއް އެ އަންހެންކުއްޖާގެ ތުންފަތަށް ވެރިކޮށްލިއެވެ. ނަމަވެސް ފައިސަލްއާ ނަޒަރު ސީދާ ކުރުމެއްނެތިއެވެ. އޭނާ ވެސް އައިސް ވަނީ ފައިސަލް ނުކުތް ބޭސްފިހާރައަށެވެ. އަނުމް ނުކުންނަންދެން ފައިސަލް މަޑުކުރިއެވެ. އެ ދެމެދުގައި ވާހަކަދެއްކުނެވެ. އަނުމް ވެސް ޢާއިލާއާއެކު އައިސް އުޅެނީ ހޮސްޕިޓަލަށް ދައްކާށެވެ. ރަށުން ފުރުމުގެ ކުރީން އަނުމްގެ ނަންބަރު ފައިސަލް ހޯދިއެވެ. އެ ދެމެދުގައި ގުޅުން ބަދަހި ކުރަންފެށީ ފޯނުންނެވެ. ހަފްތާއަކު އެއްފަހަރު އަނުމްމެން ރަށަށް އޭނާއާ ބައްދަލުކުރަން ފައިސަލް ދެއެވެ. އަނުމްވީ އަމިއްލަ ނަފްސުގެ މައްޗަށް ޔަގީންކަން ނޯންނަ އަންހެންކުއްޖަކަށެވެ. އެކަހަލަ އަންހެންކުއްޖެއްގެ ސިކުނޑިއާ ކުޅެލުން ފައިސަލްއަށް ނުހަނު ފަސޭހަވިއެވެ. އަނުމްގެ މައިންބަފައިންނަށް އޭނާއާއި ފައިސަލްގެ ދެމެދުގައި އޮތް ގުޅުމެއް ނޭނގެއެވެ. ފައިސަލްއާ ބައްދަލުކުރާކަމެއް ވެސް ނޭނގެއެވެ. ފައިސަލް މަޑުމަޑުން އަނުމްއާ ދުރުވެލީ އޭނާ ކަންތައްކުރާ ގޮތެއްގެ އަޖުމަ ބަލާށެވެ. އެގޮތުން ބައްދަލުކުރަން ދިއުން ހުއްޓާލިއެވެ. އަދި އަނުމް ކައިރިން އެދެންފެށީ ފައިސަލްގެ ރަށަށް އައުމަށެވެ. ފައިސަލްގެ ގާތަށް އަނުމް ގެނުވީ އެހެންނެވެ. އެކުވެރިއެއްގެ ގެއަށް އޯވާނައިޓް ކުރަން ނުކުތް އަނުމް ގެއްލުނީއެވެ. ފައިސަލް އެ އަންހެންކުއްޖާ ގެންދިޔައީ ކައިރީ އޮންނަ ފަޅު ރަށަށެވެ. އޭނާގެ ޑިންގީގައި ރަށަށް އެނބުރި އައީ އެކަންޏެވެ. އޭގެ ފަހުން އޭނާގެ ހިތްއަވަސްކުރުވީ ޝިފާލީއެވެ. އެ އަންހެންކުއްޖާގެ ނިމުން އައީ ވެސް އެއްގޮތަކަށެވެ.

* * * * *

ފައިސަލްގެ މުސްތަޤްބަލު އެހާ އަނދިރިވީ އޭނާގެ މަންމަގެ ކުށުގެ ސަބަބުންބާ އެވެ. ޔަގީނުން ވެސް އޭނާގެ މަންމަގެ އިހުމާލު މިކަމުގައި އެބައޮތްކަން އަހަރެން ޤަބޫލުކުރަމެވެ. ފައިސަލްގެ ސަމާލުކަން ދެވިފައިވަނީ ލުބުނާއާ ވައްތަރު ސިފަތަކެއް ހުންނަ އަންހެން ކުދީންނަށެވެ. އޭނާ އެ އަންހެންކުދީން މަރާފައިވަނީ އެމީހުންގެ ކުށެއް އޮވެގެން ނޫންކަން ފައިސަލް މަރުވުމުގެ ކުރީން ކިޔާދިން ވާހަކުތަކުގައި އެވަނީ އެއްބަސްވެފައެވެ. އޭނާއަށް އެކަމުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭކަމަށް ބުނެފައެވެ. އަދި އޭނާ އަހަރެން ސިފަކުރީ ވަރަށް ފަސޭހައިން ސެޓުވީ އަންހެން ކުއްޖެއް ގޮތުގައެވެ. އަހަރެންނަކީ އޭނާ މާބޮޑު މަސައްކަތެއް ކުރަން ނުޖެހި އޭނާގެ އަތްދަށުވާން އަމިއްލައަށް އޭނާގެ ގާތަށް އައި މޮޔަ އަންހެންކުއްޖެއް ކަމުގައި ބުނެފައި ވެއެވެ. އަހަރެމެން ދެމެދުގައި ހިނގި އެއްވެސް ކަމަކީ ފައިސަލްއަށް ޚާއްޞަ ކަންކަމެއްނޫނެވެ. އަހަރެން ވެސް ފުރުމުގެ ކުރީން ގެއްލުވާލަން ނިންމައިގެންކަން ހުރީ ފައިސަލް އެއްބަސްވެފައި ވިއެވެ.

ހޫދު ދެއްކި ހުރިހާ ވާހަކައެއް އަޑު އަހައި ނިމުނުއިރު އަހަރެންގެ މުޅިގައިން ހަކަތަ ހުސްވިކަމުގެ ވަރުބަލިކަމެއް ލިބިގެން ދިޔައެވެ. ފައިސަލްގެ ވާހަކަތަކަށްފަހު އޭނާގެ ބައްޕަގެ މައްސަލަ އަލުން ބަލަން ވާހަކަތައް ދެކެވެމުންދާކަން ހޫދު ބުންޏެވެ.

"ފައިސަލް މަރުވެއްޖެ. އަހަރެންނަށް ފެންނަނީ ދެން އާނަ މިކަން ހުއްޓާލަން. މިހިސާބުން ދެން މިއިން އެއްވެސް ކަމަކާ އާނައާ ގުޅުމެއްނެތް. އިތުރަށް ދެން އަހަރެން ކައިރީ ނާހާނެކަމަށް ހީކުރަން." ހޫދު ބުންޏެވެ.

އަހަރެންނަށް ހޫދު އެބުނީ ކީކޭކަން ވިސްނިއްޖެއެވެ. މަރުވެފައިވާ މީހަކު އެނބުރިއެއް ނާންނާނެއެވެ. އަހަރެންގެ ދިރިއުޅުމުން ފައިސަލްގެ ބާބު އަބަދުގެ އަބަދަށް ލައްޕާލަންވީ ވަގުތު ޖެހުނީއެވެ. އަހަރެން ވެސް ބޭނުމީ އެގޮތެވެ. އިތުރަށް އެ ޢާއިލާގެ ބޯކޮޅު ބެލުމަކީ ބޭކާރު ކަމެކެވެ. ފަޒީލާމެދު އަހަރެން ހަމްދަރުދީވެއެވެ. އެހެންވިޔަސް އެއީ ކުރިޔަށް ގެންދަން އަހަރެން ބޭނުންވާ އެކުވެރިކަމެއްނޫނެވެ.

* * * * *

"ހޫދު ހިނގައްޖެ." މަންމަ އައިސް އަހަރެންގެ ކޮޓަރީގައި ޓަކި ޖަހާލައި ދޮރު ހުޅުވާލިއެވެ.

"ބައްޕަ ކީކޭ ބުނީ." އެނދުން ތިރިއަށް ދެފައި އެލުވާލުމާއެކު އަހަރެން ނިކަން އަވަހަށް އަހާލީމެވެ.

އިޝާ ނަމާދުން ފައިބައިގެން ގެއަށް އަންނަން ހޫދު ކައިރީ ބައްޕަ ބުނީ އަހަރެމެންގެ ކައިވެނީގެ ވާހަކަ ދައްކާށެވެ. އަހަރެންނެއް ނުނިކުންނަމެވެ. ބައްޕަ އެގޮތަށް އެދުނީމައެވެ. މިހާ ދުވަހު ދެ މީހުން ބައްދަލުނުވެ ތިބިއިރު ފޯނުން ވެސް އެކަކުއަނެކަކުގެ ސޫރަ ދުށުމަށް އެދިފައެއް ނުވެއެވެ. ހޫދަކީ ކެތްތެރި ޒުވާނެއްކަން އޭނާ އަހަރެންނަށް ސާބިތުކޮށްދިނުމުގައި ދެމިހުއްޓެވެ. އަހަރެންގެ ހިތް ގުޑުވައިލީ އޭނާގެ އެ ކެތްތެރިކަމެވެ. އެ ހިތުގައި ބަދަލުނުވި ޖަޒުބާތުތަކެވެ. ހޫދު އަހަރެންނާ މިހާ ކައިރިޔަށް އައިސްފައި ނުފެނި ދިއުމުން ހިތަށް ކުޑަކޮށް އުނދަގޫވިއެވެ. އެހެންވިޔަސް އަހަރެން މުސްތަޤްބަލަށް ކުރާ އުންމީދު ބޮޑެވެ. އެ ތަސައްވުރުގައި އަހަރެންގެ އެންމެ ގާތުން ދުށުމަށް އެދޭ ސޫރައަކީ ވެސް ބައިވެރިޔަކީ ވެސް އެއީއެވެ. ވީއިރު ކެތްތެރިކަމުގެ ފޮނިމޭވާގެ ރަހަ ލިބޭނެކަމުގައި އަހަރެމެން ދެ މީހުން ވެސް ތިބީ ޔަގީންކޮށްގެންނެވެ.

"ބައްޕަ ވަރަށް ވާހަކަދެއްކި. ހޫދު ބަސްއަހައިގެން އިންވަރުން ކުޑަކުއްޖެކޭ އެއްވަރު." މަންމަ މިހެން ބުނެ ހީނގަތެވެ. އަހަރެންނަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.

"ރަމަޟާން މަހުގެ ކުރީން އާނަ ވެސް ރުހޭނަމަ ކައިވެނި ކުރާން ހޫދު ބޭނުމޭ ބުނި. ބައްޕައަށް އެ ޚިޔާލު ކަމުދިޔަ. ކައިވެނީގެ ޙަފުލާ ބާއްވާނެ ގޮތެއް ހޫދު ދޫކޮށްލީ އާނައަށް. އެހެންވީމަ އާނަ ކިހިނެއް އޮތީ ވިސްނާފައި." މަންމަ ބުންޏެވެ.

"އަވަހަށް މެރީކުރަން. އެކަމަކު އެހާބޮޑު ޕާޓީއެއް ބާއްވާކަށް ބޭނުމެއްނޫން. ވަރަށް ގާތް މީހުންނަށް ކިޔަން ބޭނުމީ." އަހަރެން ބުނީމެވެ. އެއީ އަހަރެންނާއި ޒިޔާނުގެ ކައިވެނި ރޭވުނު ގޮތާއި ދިމާ އިދިކޮޅެވެ. އޭރު ކަންތައްވީ ގޮތުގެ ހަނދާންތަކުން ނުތަނަވަސްކަން ލިބުނެވެ. ނަމަވެސް މިފަހަރު އެހެންނުވާނޭ އަހަރެންގެ ޟަމީރު ބުނެއެވެ.

އެރޭ އެގާރަ ޖަހަން އުޅެނިކޮށް ހޫދު ގުޅިއެވެ. އޭނާގެ އަޑާއި ރާގުން އުފާވެފައި ހުރިވަރު ކޮންމެ މީހަކަށް ވެސް ދެނެގަންނަން އެނގޭނެއެވެ. ފޯނުން ނުކުމެގެން އައިސް އަހަރެން ކާލަންށޭ ބޭނުމީ އިރުއިރުކޮޅާ ބުނެ ހިނިގަނޑެއް ޖަހާލައެވެ. އަހަރެމެންގެ ދެމެދުގައި މުސްތަޤްބަލަށް ޓަކައި ކުރާ އުންމީދުތަކުގެ ވާހަކަ އެކަކުއަނެކަކާ ޚިއްޞާކުރީމެވެ. ކައިވެނީގެ ތައްޔާރީތައް ކުރިޔަށް ގެންދާނީ ކިހިނެއްކަން ރޭވީމެވެ. ރަށަށް އެނބުރި ދެވުމުން އެންމެ ފުރަތަމަ ވެސް ބައްޕައަށްކަން ކައިވެނި ކުރާން އުޅޭކަމުގެ ޚަބަރު ދޭނީ ހޫދު ބުންޏެވެ. އަދި އެ ޚަބަރުން އެންމެން ވަރަށް ހައިރާންވާނޭކަން ހޫދު ބުންޏެވެ. ޚުދު އަހަރެންނަށް ވެސް އެކަން އެގޮތަށް ވާނޭކަން ޤަބޫލުކުރެވެއެވެ. ޚާއްޞަކޮށް އެންމެ އަޖައިބުވާނީ އިތޫއެވެ.

"އައިންތު ކިހިނެއް ރިއެކްޓް ކުރާނީ. ތީ އޭނާ އިންނަން ހުރި މީހާ." ސަމާސާއަކަށް ހަދައި އަހަރެން ބުނީމެވެ. އައިންތުގެ ވާހަކަދައްކާ ކޮންމެ ފަހަރަކު ހޫދު ނިކަން ފޫހިވާނެއެވެ. މިހާ ދުވަސްވީއިރު އޭނާދެކެ އައިންތު ލޯބިވާކަން ހޫދަށް އޮތީ އެނގިފައެވެ. ނަމަވެސް އޭނާ އައިންތަށް އިޖާބަ ނުދިނީއެވެ. އެފަދަ އިޙްސާސްތަކެއް އޭނާއާމެދު ހޫދުގެ ހިތުގައި ނެތީމައެވެ.

"އަހަރެން އިންނަން ބޭނުންވީ ވެސް އަދި އިންނަން އުޅޭ ކުއްޖަކީ ވެސް ތީ... ކުރިން ވެސް ބުނީމެންނު އެ އަންހެނާއާމެދު އެކަހަލަ ފީލީންގްސްއެއް ނެތޭ. އާނަ... އަހަރެމެން މެރީ ކުރަން އުޅޭއިރު އެހެން އަންހެނުންނާ އަހަރެން ގުޅުވަން ނޫޅެބަލަ." ޝަކުވާގެ ރާގުގައި ގަޔާނުވެގެން ހޫދު ބުނެލިއެވެ.

"އެހެންވިއްޔާ މިހާރުއްސުރެ މިބުނަނީ. ރަނގަޅަށް އަޑުއަހާތި. އެހެން އަންހެނަކާ އަހަރެންނަށް ހޫދު ޝެއާއެއް ނުކުރެވޭނެ." ކުޑަކޮށް ހިނިއައިސްފައި އަހަރެން ބުނެލީމެވެ.

"ތި ލޯބިގަނޑު ވިދާޅުވިގޮތެއް. މަގޭ އުމުރު ހުސްވިޔަސް ހިޔެއްނުވޭ މި ހިތުން އަހަރެންގެ އާނިޔާ ނޫން މީހަކުދެކެ ލޯބިވެވިދާނެހެން." ހޫދު ބުންޏެވެ.

* * * * *

ޝައުބާން މަހުގެ ބާވީސް ވީ ހޯމަ ދުވަހު ހޫދާ ކައިވެނި ކުރާން އަހަރެން ރަންކީމެވެ. ޗުއްޓީ ނުލިބިގެން އިތޫއާއި ޒަފަރަށް ނާދެވުނުއިރު މަދީނާގައި ހުރި އަހަރެންގެ ކުޑޫއަކަށް ވެސް ނާދެވުނެވެ. އެމީހުން އަހަރެމެންގެ އުފާވެރިކަމުގައި ބައިވެރިވީ އޮންލައިންކޮށެވެ. އަހަރެމެންގެ ކައިވެނީގެ ޙަފުލާ އޮތީ އެ ހަފްތާގެ ހުކުރުވިލޭރެއެވެ. އެހާތަނަށް އިތޫއާއި ޒަފަރު އަންނާނަންކަން ވަޢުދުވިއެވެ.

ހޫދަށް އަހަރެން ފެނުނީ ރަންކީ ދުވަހުއެވެ. އަހަރެންނަށް އައިސްފައި ހުރި ބަދަލުން އޭނާ ހައިރާންވިއެވެ. އަހަރެން ބުރުގާ އަޅާފައި ހުރީމައެވެ. ރަމަޟާން މަސް ފެށެންވާއިރަށް އަހަރެން ހުރީ ބުރުގާ އަޅަން ނިންމައިގެންނެވެ. އޭގެ ކުރީން ކައިވެނި ހަމަޖެހުނީއެވެ. އެހެންވެ އިތުރަށް ފަސްކުރަން ބޭނުންނުވީއެވެ.

"ތީ އާނަތަ؟." އަހަރެންނާއެކީ ބެލްކަނީގައި މަޑުކޮށްލައިގެން ހުރެފައި ހޫދު އަހާލިއެވެ. މީ އޭނާ އެހެން އެހި ފަސް ވަނަ ފަހަރެވެ. އަހަރެން ތުން ހަދާލީމެވެ. އެއާއެކު ހޫދު ހީނލައިފިއެވެ.

"ލޯބިކަމުން އެހެނީ. ވަރަށް ހެޕީ ވެސް ވެއްޖެ ތިގޮތަށް އާނަ ފެނުނީމަ." ހޫދު ބުންޏެވެ.

"ތޭންކްސް." އަހަރެން ބުނެލީމެވެ. މިހާރު އަހަރެންނަކީ ކުރީން ހޫދުއާ ބައްދަލުވި އާނިޔާއެއް ނޫނެވެ. ﷲގެ ރަޙުމަތާއެކު އަހަރެން މިވަނީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އަދި އެގޮތުގައި ސާބިތުވެ ހުރެވޭތޯ މަސައްކަތް ކުރަމެވެ. މާޒީގައި އަހަރެންނަށް އެތައް ގޯހެއް ހެދިއްޖެއެވެ. އެހެންވިޔަސް އެކަމުގެ ހިޔަނި މުސްތަޤްބަލަށް އެޅުނަކަށް ނުދޭނަމެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ހުކުރުވިލޭރޭ ތީ އަހަރެންގެ އަނބިމީހާއަށް ވާނެ." ހޫދު މިހެންބުނީ އުންމީދުން ފުރިގެންވާ ބެލުމަކުން އަހަރެންނަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ.

"އެރެއަށްފަހު އަހަރެންގެ ފިރިއެއް ވެސް ހުންނާނެ." ހެވިލާފައި އަހަރެން ބުނީމެވެ.

އިރުއޮއްސުމާއެކު ގޭތެރެ ހިމޭންވިއެވެ. ހޫދާއި އޭނާއާއެކު އައި ޢާއިލާ ވެސް އެނބުރި ހިނގައްޖެއެވެ. އެމީހުން ތިބީ ގެސްޓްހައުސްއެއް ހިފައިގެންނެވެ. އަހަރެމެންގެ ކައިވެނި ޙަފުލާއަށްފަހު ފުރައިގެންދާން ނިންމައިގެންނެވެ.

* * * * *

ކައިވެނި ހެދުން ލައިގެން އަހަރެން ނުކުތުމުން ހެދުމުގައި ހުރި ޒިބާއި ގޮށްތައް އެޅުވުމުގައި މަންމައާއި ދޮންދައްތަ އުޅުނެވެ. އެމީހުންގެ ނުހަނު ގާތުގައި އިތޫ ހުއްޓެވެ. އެމީހުންގެ މަސައްކަތް ނިންމާލުމާއެކު އަހަރެން އައިސް ރީތިވާ މޭޒުކައިރީ އިށީނީމެވެ. އޭރު މޭކަޕްކޮށްދޭން އައި ދެކުދީން ތިބީ އަހަރެންގެ ބުރުގާ އަޅުވައިދޭން ތައްޔާރަށެވެ. ރީތިވާ މޭޒުމަތީ ބަހައްޓާފައި ހުރި ފޮށިތަކުން ފޮށްޓެއް އެއްކުއްޖަކު ހުޅުވާލިއިރު އަނެއްކުއްޖާ އައިސް އަހަރެންގެ ބޮލުގައި ޝޯލް އޮޅައިދޭން ފެށިއެވެ. އަހަރެންގެ ނަޒަރު އެ ފޮށްޓަށް ހުއްޓުނެވެ. ހަނދާނަށް އައީ ޝިފާލީގެ ގަހަނާ ފޮށްޓެވެ. އެއީ ލޮލުގައި އަޅައިގަންނަ ފަދަ ތަފާތު ރީތިފަރުމާއަކަށް ހަދާފައިވާ ފޮށްޓެކެވެ.

"ފައިސަލްއަށް ހެދުނު ގޯހަކީ އެ ގަހަނާ ފޮށި ނައްތާނުލާ އޭނާގެ އަތުގައި ބެހެއްޓުން. ހުރިހާކަމެއް ހިނގައިދިޔަ އިރު އެންމެ މުހިންމު ރޯލެއް މި ކުޅުނީ އެ ގަހަނާ ފޮށި. އެންމެންނަށް ހުރިހާ ހަޤީޤަތެއް އެނގެން މެދުވެރިވީ ވެސް އެ ގަހަނާ ފޮށި ފައިސަލް އަތުގައި އޮތުމުން. އެ ނެތްނަމަ މިއަދާ ހަމައަށް ވެސް އެއްވެސް ހެއްކެއް ނުފެނުނީސް. ލުބުނާގެ މަރުގެ ހަޤީޤަތެއް ވެސް ނޭނގުނީސް. ފައިސަލް ބައްޕަގެ ކުށެއްނެތްކަން ސާބިތެއްނުވީސް." އަހަރެންނަށް ހިތާހިތާ ކިޔާލެވުނެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭ އަހަރެންގެ ލޯ ކުރިމަތިން ރަށުގައި ހޭދަވި ހުރިހާކަމެއް ރޯލުވެގެން އައެވެ. އަހަރެންނަށް ހެދުނު ގޯހާއި ފައިސަލްއަށް ފުރުޞަތު ލިބިގެންދިޔައީ ކީއްވެކަން މިހާރު ވިސްނެއެވެ. މަޑުމަޑުން ލޯ މަރާލުމާއެކު އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ. އެ ގަހަނާ ފޮށްޓާއި އެއަށް ފާރަލައިގެން ހުރި ޝިފާލީގެ މަހުލޫގާއި ފައިސަލްއާ ބައްދަލުވި ބައްދަލުވުން، މިއިން އެއްވެސް ކަމެއް އަހަރެންގެ ހަނދާނުން ފިލައިގެން ނުދާނެއެވެ. އެ ހުރިހާ ކަމަކީ އަހަރެންގެ ދިރިއުޅުމުގެ ތަޖުރިބާއާ ގުޅިފައިވީ ފިލާވަޅުތަކެކެވެ.

ބުރުގައި އަޅުވައިދޭ ކުދީންގެ މަސައްކަތް ނިމުމުން ހެދުމުގެ ބޭރުން ލާން އޮތް ލޭސްފޮތީގެ ތުނި ފުޅާ އަބާޔާ ޖެކެޓު މަންމަ ގެނެސްދިނެވެ. އެ ލައިގެން މަންމައާއި ދޮންދައްތައާއި އިތޫއާއެކު ނުކުންނަން ހިނގައިގަތީމެވެ. ހުރިހާ ހަނދާންތަކެއް މާޒީއަށް ދޫކޮށްލާފައި އަހަރެންގެ ކޮންމެ ފިޔަވަޅެއް އަޅަމުން ދިޔައީ ކުރިޔަށް އޮތް މުސްތަޤްބަލާ ބައްދަލުކުރުމަށެވެ. އެއީ އަހަރެންގެ ވާން އުޅޭ ފިރިމީހާއެވެ. އަހަރެންނަށް ހެދުނު ހުރިހާ ގޯހަކަށް އޭނާ މަޢާފްކުރިއެވެ. އަހަރެންގެ ހިތުގައި އޭނާގެ މައްޗަށް ލޯބީގެ އިޙްސާސް އުފަންކުރުވީ އެހާމެ ކެތްތެރިކަމާއެކީއެވެ. އަދި އަހަރެންނަށް ދިމާވި ނުރައްކަލުން އަހަރެން ސަލާމަތްކޮށް އޭރު ވެސް އަހަރެންގެ ބަހަށް އޭނާ އިތުބާރުކުރިއެވެ. މިހާރު އަހަރެންގެ އުންމީދުތައް ގުޅިފައިވީ ހޫދާއެވެ. ގިނައިރެއްނުވެ އަހަރެމެން ދެމަފިރިންނަށް މިރޭ ވާނެއެވެ. އަދި ދިރިއުޅުމުގެ އަޑިގުޑަންތަކާ އެކީ ކުރިމަތިލާން ދެމަފިރިންގެ ގޮތުގައި ނުކުންނާނެއެވެ.

ނިމުނީ