އިމިގްރޭޝަން

ޕާސްޕޯޓް ގެއްލިގެން ހެދުމަށް ކުރާ ޖޫރިމަނާ 2،000 ރުފިޔާއަށް ކުޑަކޮށްފި

ގެއްލިގެން ޕާސްޕޯޓް ހަދާއިރު ނަގަމުން ދިޔަ ބޮޑު ޖުރިމަނާއަށް ލުޔެއް ލިބޭ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.

ޕާސްޕޯޓް ގެއްލިގެން ހަދަންޖެހޭނަމަ މީގެކުރިން 5،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ. ނަމަވެސް ގެއްލިގެން ޕާސްޕޯޓް ހަދަންޖެހޭ ހާލަތުގައި 2،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ޖޫރިމަނާ ކުރެވޭ ގޮތަށް މިއަދު ވަނީ ގަވައިދު އިސްލާހުކޮށް ގެޒެޓްކޮށްފަ އެވެ.

ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ބޮޑު ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދު އިސްލާހުކޮށްފަ އެވެ. ގެއްލުނު ޕާސްޕޯޓަކީ އޮތީ މުއްދަތު ހަމަވެފައި ކަމަށްވާނަމަ މި ހާލަތުގައި އެއްވެސް ޖޫރިމަނާއެއްް ނުނަގާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.

ޕާސްޕޯޓް ހަދަނީ ކުއްލި ހާލަތުގައި ކަމަށްވެފައި ޖޫރިމަނާ އެ ވަގުތު ދެއްކެން ނެތްނަމަ ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް ދޫކުރެވޭ ގޮތަށްވެސް މިހާރު ގަވައިދުގައި ވަނީ ހަމަޖައްސާފަ އެވެ.

މީގެއިތުރުން ކުޑަކުދިންނާއި ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސިކުނޑީގެ އުނިކަމެއް ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމުގެ ޒިންމާ އެފަދަ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިން ނަގަންޖެހޭ ގޮތަށްވެސް އިސްލާހުގައިވެ އެވެ.

ޕާސްޕޯޓް ކެންސަލް ކޮށްލަންޖެހޭ ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތްތަކެއްވެސް ގަވައިދުގައި މިހާރު ވަނީ ބުނެދީފަ އެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 500 ޕާސްޕޯޓް ގެއްލިގެން ހުށަހެޅިއިރު މިމުއްދަތުގައި 32،500 ޕާސްޕޯޓް ހަދައިދީފައިވެ އެވެ. މިދިޔަ އަހަރު 56،326 ޕާސްޕޯޓް ހަދައިދީފައިވެ އެވެ.