ރާއްޖޭގައި ހުންނަވާ އެމެރިކާ ސަފީރު ޔޮން ހުގޯ ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުކުރެއްވުން މިއަދު ކުރިއަށް ދިޔައީ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަމިއްލަ ގެކޮޅު -- ދ. ދިމްޔާތު ގައެވެ.
މިބައްދަލުކުރެއްވުމުގައި އިންތިހާބީ ޑރ. މުއިއްޒުގެ ރިޔާސީ ދައުރުގައި އެމެރިކާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި އާ ހަރުފަތަކަށް ގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ-އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވި އެވެ. އަދި ރާއްޖޭގައި އަލަށް ގާއިމުވެގެންދިޔަ އެމެރިކާގެ އެމްބަސީގެ ސަބަބުން މި މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުން ގެންދަވަނީ އެމަނިކުފާނާ ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެ އެ ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.