ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހްގެ މަރުހަބާ އަލީ ހާޝިމަށް

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަނީ ފަންޑް (އައިއެމްއެފް)ގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާ އަކަށް ރާއްޖޭގެ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ހޮވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް އަލީ ހާޝިމް ހޮވުމާ ގުޅިގެން މަރުހަބާ ދަންނަވާ ކަމަށެެވެ. މިއީ ވަރަށް ތާރީހީ އަދި ފަހުރުވެރި ކަމެއްގެ ގޮތުގައި ރައީސް ސާލިހްގެ ޕޯސްޓްގައި ވަނީ ސިފަކުރައްވާފަ އެވެ.

މިއީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ މެންބަރު ގައުމުތަކުގެ ވޯޓުން ހޮވާ މަގާމެކެވެ. އަދި މިއީ ރާއްޖެ އައިމްއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 45 އަހަރުވީއިރު ރާއްޖެއަށް މިފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރެވެ.

ޗެއާޕާސަންގެ މަގާމަށް އެމްއެމްއޭގެ ގަވަރުނަރު އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކު އެވެ. މި މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކޮށްފައިވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް – އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައެވެ.

މިބަދަލާ އެކު އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2024 ވަނަ އަހަރީ ބައްދަލުވުންތަކުގެ ޗެއާކަން ކުރައްވާނީ ގަވަރުނަރު އަލީ ހާޝިމެވެ.

ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރެއްގައިވެސް ތަފާތު ސަރަހައްދަކުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޗެއާމަން ކަމަށް ހަމަޖައްސާފައިވަނީ އޭޝިއާ ޕެސިފިކް މެންބަރު ގައުމުތަކުންނެވެ.

މިކަމާ ގުޅިގެން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ތަރީހީ އަދި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އެހެންކަމުން، ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފްގެ ޗެއާގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ތާރީޚީ ކާމިޔާބީއެއް. މި ފުރުސަތުގައި މި ކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި ރާއްޖެއަށް ތިކުރެއްވި އިތުބާރަށްވެސް ޝުކުރު ދަންނަވަން،" ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިއްމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާ ކުރެއްވުމެވެ.