ފިނޭންސް މިނިސްޓްރީ

މިވެސް ލޯނެއް، ޓީ-ބިލާއި ބޮންޑަށް 76 ބިލިއަން ރުފިޔާ ދައްކަން ޖެހޭ

ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީބިލް) އާއި ޓްރެޝަރީ ބޮންޑަށް އަނބުރާ ދައްކަންޖެހޭ އަދަދު 76.2 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ތެރެއިން 31.8 ބިލިއަން ރުފިޔާއަކީ ސަރުކާރުން ދިވެހި ރުފިޔާއިން ނަގާފައިވާ ޓީ-ބިލުތަކަށް އަނބުރާ ދައްކަންޖެހޭ އަދަދެވެ.

ޓީބިލާއި ބޮންޑަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ ތެރެއިން ހަތް ބިލިއަން ރުފިޔާ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ދައްކަންޖެހެ އެވެ.

ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ ގޮތް

  • އެއް މަސް: 7 ބިލިއަން ރުފިޔާ
  • ތިން މަސް: 1.9 ބިލިއަން ރުފިޔާ
  • ހަ މަސް: 3.9 ބިލިއަން ރުފިޔާ
  • އެއް އަހަރު: 26.2 ބިލިއަން ރުފިޔާ
  • ތިން އަހަރާއި ފަސް އަހަރު: 11.3 ބިލިއަން ރުފިޔާ
  • ފަސް އަހަރާއި ހަތް އަހަރު: 2.1 ބިލިއަން ރުފިޔާ
  • ހަތް އަހަރާއި 10 އަހަރު: 6.5 ބިލިއަން ރުފިޔާ
  • 10 އަހަރާއި އޭގެ ފަހުން: 17 ބިލިއަން ރުފިޔާ

ޓީ-ބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.