އީވާ އަބްދުﷲ

ހެޑްސެޓް ޖައްސަވައިގެން ސައިކަލް ދުއްވުމުން އީވާއަށް ފާޑުކިޔަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއަށް އާންމުން ފާޑުކިޔަން ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން އާންމުންގެ ފާޑުކިޔުން އީވާއަށް އަމާޒުވާން ފެށީ ހެޑްސެޓް އަޅައިގެން ސައިކަލް ދުއްވަން އިންނެވި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުކުރެއްވުމާ ގުޅިގެންނެވެ.

މިވީޑިއޯގައި ފެންނަނީ އީވާ ދުއްވަން އިންނެވި ސައިކަލްގެ ޕޮކެޓެއްގައި މޯބައިލް ފޯނު ބާއްވައި، ފޯނަށް ގުޅާފައި އިން ކޭބަލް ހެޑްސެޓެއް ކަންފަތަށް ޖައްސަވައިގެން އިންނަވައި ހުޅުލެ ހުޅުމާލެ ހައިވޭގައި ސައިކަލް ދުއްވާ މަންޒަރެވެ. ސައިކަލްގައި އިތުރު މީހަކު އިންދާ ވީޑިއޯ އަކުން ނުފެނެ އެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ އިސް މެންބަރަކަށް ހުންނަވައިގެން ގާނޫނާއި ގަވައިދުތައް މުގުރާލެއްވުމަށް އީވާ އަށް ފުރުސަތު ލިބިވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މަގުމަތީގެ ގާނޫނުތަކާއި ގަވައިދުތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެއްޗެއްސަށްވާއިރު ގާނޫނާއި ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ފާޑުކީ ބައެއް މީހުން ބުނެފައިވެ އެވެ.

"އީވާ ވީމާ ފިޔަވަޅު ނާޅައި ދޫކޮށްލުން ބަލައެއް ނުގަނެވޭ. އާންމުންގެ މީހަކު ނަމަ ލައިސަންސް އަތުލާފައި ޖޫރިމަނާކޮށްލާނެ،" ގާނޫނު ތަންފީޒުކުރުމުގައި ތަފާތު އޮތް ކަން ފާހަގަކޮށް މީހަކު ބުނެފައިވެ އެވެ.

އީވާ އަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ރައްދުގައި އޭނާ މިހާތަނަށް އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ހެޑްސެޓް ޖަހައިގެންނާއި ކަންފަތުގައި ފޯނު ޖަހައިގެން އަދި އަތުން ފޯނު ހިފައިގެން އިނދެ އެއްގަމު އުޅަނދު ދުއްވުމަކީ ރާއްޖޭގައި މަނާ ކަމެކެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ ކަންކަން ނުކުރުމަށްވެސް ފުލުހުން ވަރަށް ގިނައިން އިލްތިމާސް ކުރެ އެވެ.