ބޮލީވުޑް

ބައްޕަގެ ބައޮގްރަފީ ކިޔަން ސޮނާކްޝީ ބިރުގަނޭ

Feb 21, 2016
1

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝަތްރުގަން ސިންހަގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތް "އެނީތިންގް ބަޓް ހާމޯޝް: ދަ ޝަތްރުގަން ސިންހަ ބައޮގްރަފީ" ހުކުރު ދުވަހު ވަނީ ނެރެފަ އެވެ.

މިފޮތް ހުކުރު ދުވަހު ލޯންޗްކޮށްދީފައިވަނީ މެގަސްޓާ އަމީތާބް ބައްޗަން އެވެ.

މިފޮތް ލޯންޗްކުރުމުގެ ހަފްލާގައި ޝަތްރުގަންގެ އަންހެނުން ޕޫނަމް އާއި ދަރިފުޅު ސޮނާކްޝީ ސިންހާ ވެސް ވަނީ ބައިވެރިވެފަ އެވެ. މިހަފްލާގައި ވާހަކަދައްކަމުން ސޮނާކްޝީ ވަނީ އޭނާގެ ބައްޕަގެ ހަޔާތުގެ ވާހަކަ ކިޔަން އޭނާ ބިރުގަންނަ ކަމަށް ބުނެފަ އެވެ.

ބައްޕަގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތް ކިޔަން ބިރުގަންނަ ސަބަބެއް ކަމަށް ސޮނާކްޝީ ބުނެފައިވަނީ ކޮންމެ މައިންބަފައިނެއްގެ ހަޔާތުގެ ބައެއް ވާހަކަތަކަކީ ދަރިންނަށް އެނގިގެން ނުވާނެ އެއްޗިހި ކަމަށެވެ.

ސޮނާކްޝީ ބުނީ އޭނާގެ ބައްޕަގެ ކުޑައިރުގެ އިތުރުން ފުރާވަރުގެ ނޭނގޭ ވަރަށް ގިނަ ވާހަކަތައް މިހާރު އެނގިގެން ހިނގައްޖެ ކަމަށާއި އަދި ޒުވާން އުމުރުގައި އާއި އެކްޓަރަކަށް ވުމަށް ބައްޕަ ކުރި ތަހަންމަލުތައް ވެސް އެނގިއްޖެ ކަމަށެވެ.

"އަހަރެން ވަނީ މިފޮތުން ބައްޕަ އެކްޓަރަކަށްވީ ހިސާބާ ހަމައަށް ކިޔާފައި. އެހާވަރު އަހަންނަށް ފުދޭ" އިތުރަށް މިފޮތުގައި ހިމެނޭ ބައްޕަގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަކިޔަން ބޭނުންނުވާ ކަމަށް ބުނަމުން ސޮނާކްޝީ ބުނެފައިވެ އެވެ.

ޝަތްރުގަންގެ ބަޔޮގްރަފީ ލިޔެފައިވަނީ މަޝްހޫރު ކޮލަމިސްޓް ބަރާތީ އެސް ޕްރަދާން އެވެ. ބަރާތީ ވަނީ ހަތް އަހަރެއްހާ ދުވަސް މިފޮތް ލިޔުމަށް ހޭދަކޮށްފަ އެވެ.

މިފޮތުގައި ޝަތްރުގަން އާއި ބަތަލާ ރީނާ ރޯއިއާ ދެމެދު އޮތް ލޯބީގެ ގުޅުމާއި ބެހޭގޮތުން ވެސް ލިޔެފައިވެ އެވެ. ޝަތްރުގަން ޕޫނަމް އާއި ކައިވެނިކުރި ފަހުން ވެސް ރީނާއާ ވަނީ ލޯބީގެ ގުޅުން ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ފަހުން މި ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކުޑަވެ ވަނީ ރުޅިވެފަ އެވެ.