ޑރ. މުހައްމަދު މުއިއްޒު

ޒާތީވުން ދޫކޮށްލައި ރިވެތި ސިފަތައް އަށަގަންނުވައިދީ: މުއިއްޒު

ވެރިކަމަށް ވަޑައިގަތުމަށް އިންތިހާބު ކާމިޔާބު ކުރެއްވީ އެއްވެސް މީހަކާ ޒާތީ ނުވެ ކަމަށާއި އެހެންވެ ރައްޔިތުންވެސް ޒާތީވުން ދޫކޮށްލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމެއް ގައެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޒާތީ ވެގެން މިއަދު އުޅެންޖެހޭ ސަބަބެއް ނެތް ކަމަށާއި އެހެންކަމުން އުޚުވަތްތެރިކަމުގެ ގުޅުން ބާއްވައި ރިވެތި ސިފަތައް ދިވެހި މުޖުތަަމައުގެ ތެރެއަށް އަނބުރާ ގެންނަން ޖެހޭ ކަމަށެވެ.

"މިދެންނެވިހެން ޒާތީވުމަކިވެސް ދީނުގައި މަނާ ކުރައްވާފައިވާ ކަމެއް. އަނެކާއާ ދޭތެރޭ ގޯސްކޮށް ވާހަކަދެއްކުމުގެ ބަދަލުގައި އެއްވެސް މީހަކަށް އުނދަގޫ ނުކޮށް އުޅެވޭތޯ ބަލަންވީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގަތީވެސް އެއްވެސް މީހަކާ ދޭތެރޭ ޒާތީ ނުވެ އަދި ޒާތީ ބަސްތަކެއް ކެމްޕޭން ތެރޭގައި ބޭނުންކުރައްވާފައި ނުވާތީ ކަމަށެވެ. އެކަން ރައްޔިތުން ބަލައިގެންފައިވާ ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގައުމަށް ހަގީގީ ތަރައްގީ ގެނެވެން އޮތީވެސް ޒާތީވުން ދޫކޮށްލައި ރިވެތި އަހްލާގުގެ ބަޔަކަށް ވެގެން ކަމަށެވެ.

"ނަފްސުގެ މުއްސަނދިކަން ސިކުނޑީގެ މުއްސަނދިކަން ހިތުގެ މުއްސަނދިކަން އަނބުރާ ނާންނަހާ ހިނދަކު ހަގީގީ މާނައިގައި ގައުމު ތަރައްގީ ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތާއި ދީނިއްޔަތުގެ ސިފަތައް ދިވެހި މުޖުތަމައުގެ ތެރެއިން ގެއްލިގެންދާ ކަމަށާއި އެކަމަށް ހައްލުތަކެއް ހޯދުމަށް ދީނީ މައުލޫމާތު ހިއްސާކުރެވޭ ގޮތް ބަދަލުކުރަންޖެހިފައިވާ ކަމަށެވެ. ރިޔާސީ މެނިފެސްޓޯގައި އެކަމަށް މަސައްކަތްކުރުމަށް ކަންތައްތަކެއް ހިމަނާފައިވާ ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މެނިފެސްޓޯގައިވާ ގޮތަށް އެކި ދާއިރާތަކުން މިހާރަށް ވުރެ ފުޅާކޮށް އިލްމީ ދިރާސާތައް ކުރެވި މައްސަލަތައް ދެނެގަނެ ހައްލުތައް ނެރެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ދިވެހި ބަހާއި ގައުމިއްޔަތާއި ދީނަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ އިސްކަން އެމަނިކުފާނުގެ ސަރުކާރުން ދޭނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތައް ނިންމާއިރު އިލްމީ ދިރާސާތަކަށް ވަރަށް ބޮޑަށް ބަރޯސާ ވެގެން ކަންކަން ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެއީ ގައުމަށް ހަމަޖެހުން ލިބިގެންދާނެ ގޮތެއް ކަމަށާއި އިލްމުވެރިންވެސް މިމަގުން މަސައްކަތް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.