ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 3.9 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް -- ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.8 ބިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ އެއް ބިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
މީގެ އިތުރުން 98 ދުވަހުން އަނބުރާ ދެއްކުމަށް 467 މިލިއަން ރުފިޔާގެ ޓީބިލަކާއި 182 ދުވަހުން އަނބުރާ ދެއްކުމަށް 588 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.
ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް މި މަހު 2.4 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.