ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުއަށް އުރުދުޣާން ގުޅުއްވާ މަރުހަބާ ވިދާޅުވެއްޖެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނި ގޮތުގައި އުރުދުޣާން މިއަދު ވަނީ ޑރ. މުއިއްޒަށް ފޯނުން ގުޅުއްވައި އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުންނާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ. މުއިއްޒު ކާމިޔާބުކުރެއްވީ 129،159 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.

ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން ބޭރުގެ ގައުމުތަކުގެ ވެރިން ގެންދަވަނީ މުއިއްޒުއަށް ގުޅުއްވާ މަރުހަބާ ވިދާޅުވަމުންނެވެ. އަދި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުން ގެންދަވަނީ މުއިއްޒުއާ ބައްދަލުކުރައްވާ އާ ސަރުކާރާ އެކު ގުޅުންތައް ބަދަހިކުރުމަށް މަޝްވަރާކުރައްވަމުންނެވެ.