އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)

ދިވެހިންގެ އެހީގައި ފަލަސްތީނުގައި މިސްކިތެއް އަޅަނީ

ދިވެހިންގެ އެހީގައި ފަލަސްތީނުގައި 1،100 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހިންތަކެއް އިސްވެ ތިބެ ހިންގަމުން ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހާމަކޮށްފި އެވެ.

ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާކުރެވޭ ފުރަތަމަ މިސްކިތް، މަސްޖިދުލް ޤުއްދޫސް އާ ގުޅޭ ގޮތުން އައިއޭސީން ބުނީ މިމަހުގެ ހަތް ވަނަ ދުވަހު ފެށުނު ހަމަނުޖެހުންތަކުގެ ކުރިން މިސްކިތުގެ 80 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެ ގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށާއި އޭގެ ތެރޭގައި ކޮންކްރީޓް މަސައްކަތާއި ރޭނުމުގެ މަސައްކަތް ހިމެނޭކަން އައިއޭސީން ވަނީ ފާހަގަކޮށްފަ އެވެ.

އައިއޭސީން ބުނި ގޮތުގައި މިސްކިތް ހިމެނޭ އަލްތުއްފާހް -- އިރުމަތީ ގާޒާ ސަރަހައްދަކީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައެޅިފަ އެވެ.

މިސްކިތުގެ މަސައްކަތްތައް ކުރިއަށް ދިޔައިރުގެ ފޮޓޯތަކެއް އާންމުކޮށް އައިއޭސީން ބުނީ އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި އިއްޔެއާ ހަމައަށް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މިވަގުތު ގާޒާގެ ހާލަތު ހުރި ގޮތުން އައިއޭސީގެ ޓީމަށް މިސްކިތުގެ ފަހުގެ ފޮޓޯއެއް ނެގޭ ގޮތް ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އައިއޭސީން ބުނި ގޮތުގައި މި މިސްކިތަކީ 700 އަކަ މީޓަރުގެ މިސްކިތެކެވެ. ތިން ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތުގައި ހަތަރު ފާހާނާ އާއި ވުލޫކުރާތަނެއް ހެދުމަށް ވަނީ ނިންމާފަ އެވެ.

މިސްކިތުގައި ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ފާރުތަކުގައި ތަށިމުށި ޖެހުމާއި ފާހާނާގެ މަސައްކަތާޢި އިންޓީރިއާގެ މަސައްކަތުގެ އިތުރުން މިސްކިތުގެ ސައުންޑްގެ މަސައްކަތާޢި ކާޕެޓް އަދި މިމްބަރުގެ މަސައްކަތް ހިމެނެ އެވެ.