މެންބަރު ހުސައިން މުހައްމަދު ލަތީފް

އިޒްރޭލުގެ ހަމަލާތަކަކީ ގަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އުދުވާންތަކެއް: ނައިބު ރައީސް

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ގަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އުދުވާންތަކެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ 19 ވަނަ ސަމިޓުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނައިބު ރައީސް ހުސައިން ވިދާޅުވީ އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އިޒްރޭލުގެ އުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރުން ތަކުރާރު ކުރައްވާފަ އެވެ.

އިޒްރޭލުގެ މި އަމަލުތަކަކީ ގަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އަމަލުތަކެއްކަން ސާބިތުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހަޅާފައިވާތީ ނައިބު ރައީސް އެކަމަށް ތައުރީފުކުރެއްވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށާއި ދާއިމީ ސުލްހަވެރި މަގެއް ހޯދުމަށް ގޮވާލާ ގޮވާލުމުގައި އެއްބާރުލުން އިތުރުކޮށް އެކަންކަމަށް ބާރުއަޅައި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލައްވާފަ އެވެ.