އެމްޑީޕީ

އައިސީޖޭގެ އަމުރު ތަންފީޒުކުރަން ބާރުއެޅުމަށް އެމްޑީޕީން ގޮވާލައިފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) އިން އިޒްރޭލާ ދެކޮޅަށް ނެރުނު އަމުރު ތަންފީޒުކުރަން ދިވެހި ސަރުކާރުން ބާރުއަޅައިދިނުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

ފައްޔާޒު ވިދާޅުވީ އިޒްރޭލުގެ ލާއިންސާނީ އުދުވާނު ވަގުތުން ހުއްޓާލުމަށް އައިސީޖޭ އިން ކުރި އަމުރަކީ ފަލަސްތީނާއި މުސްލިމު އުއްމަތަށް ލިބުނު ނަސްރެއް ކަމަށެވެ.

"މި އަމުރު ތަންފީޒުކުރުމަށް ރާއްޖެއިން ބާރު އެޅުމަށް ގޮވާލަން،" ފައްޔާޒު ވިދާޅުވި އެވެ.

އައިސީޖޭގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

އެމްޑީޕީން ބުނީ ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން އަމުރުގައިވެސް އަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ތަސައްވަރު ނުކުރެވޭ ފަދަ އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ.


"[އިޒްރޭލުން] ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމު ނުކުރުމަކީ މުޅި އެ ސަރަހައްދާއި އެއަށްވުރެ ދުރަށްވެސް ސަލާމަތަށް ނުރައްކާވާނެ ކަމެއް،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަލަސްތީން ރައްޔިތުންގެ ހައްގުތަކަށް އަޅާނުލެވި އޮންނަތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށެވެ. އެހެންކަމުން ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އައިސީޖޭގެ އަމުރުގެ ބޭނުން ހިފައިގެން އިޒްރޭލުން ކުށްވެރިކޮށް އެ އަމުރު ތަންފީޒުކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އިޒްރޭލާ ދެކޮޅަށް އައިސީޖޭ އަށް މައްސަލަ ހުށަހެޅީ ދެކުނު އެފްރިކާ އިންނެވެ. މައްސަލައިގައި އެދިފައި އޮތީ ގައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އިޒްރޭލު ސިފައިން ރަފާއަށް އެރުން ހުއްޓާލުމަށާއި އަދި އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ އަމުރެއް ނެރުމަށެވެ.

އިޒްރޭލާ ދެކޮޅަށް މީގެކުރިންވެސް ދެކުނު އެފްރިކާ އިން އައިސީޖޭ އަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލައިގައި އައިސީޖޭ އިން ނެރުނު އަމުރުގައި ވަނީ ޣައްޒާގެ ގަތުލު އާންމު ހުއްޓުވަން އިޒްރޭލުން މަސައްކަތް ކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެ އަމުރުގައި ސާފުކޮށް ބުނެފައެއް ނުވެ އެވެ.

އައިސީޖޭގެ ކުރީގެ އަމުރަށްވެސް އިޒްރޭލުން އަމަލުކޮށްފައި ނުވާތީ އިއްޔެ ނެރުނު އަމުރަށްވެސް އިޒްރޭލުން އަމަލުކުރާނެ ކަމަކަށް ނުބެލެވެ އެވެ.

އިޒްރޭލުން ދިފާއުގައި ބުނެފައިވަނީ އެ މީހުން ޣައްޒާއާއި ރަފާގައި ކުރިއަށް ގެންދާ ހަމަލާތަކަކީ ހަމާސް ނައްތާލުމަށް ކުރިއަށް ގެންދާ ހަމަލާތަކެއް ކަމަށެވެ.