ހަބަރު

ތުންފަތާއި ތަލީގެ އައިބުތައް އޮޕަރޭޝަން ކޮށްދޭ ކޭމްޕެއް ފަށައިފި

އުފަންވާއިރު ތުންފަތާއި ތަލީގައި ހުންނަ އައިބުތައް އޮޕަރޭޝަން ކުރުމުގެ ކޭމްޕެއް ހުޅުމާލޭ ހޮސްޕިޓަލްގައި މިއަދު ފަށައިފި އެވެ.

މިފަދަ އޮޕަރޭޝަންތައް މީގެ ކުރިންވެސް ހުޅުމާލެ ހޮސްޕިޓަލުގައި ކުރެ އެވެ.

އަލްޓްރާ ސައުންޑް ސްކޭން ހުޅުމާލެ ހޮސްޕިޓަލުގައި ފެށުން ފާހަގަކުރުމަށް މިއަދު ބޭޢްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލް ހިންގުމާއި ހަވާލުވެގެން ހުންނެވި އަހުމަދު ޝާކިރު ވިދާޅުވީ އުފެދުމުގައި ތުންފަތާއި ތަލީގައި ހުންނަ އައިބުތައް އޮޕަރޭޝަން ކުރުމުގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުން ލިބެން ހުންނަ ކަމަށާއި އެކަމަކު އެކަން ގިނަ ބަޔަކަށް ނޭނގޭ ކަމަށެވެ. އަދި މިއަދު ފެށި ކޭމްޕަކީ އެފަދަ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުން ދޭ ކަން އާންމުންނަށް ބޮޑަށް އެންގުމަށް ފެށި ކޭމްޕެއް ކަމަށެވެ.

މިއަދު ފެށި ކޭމްޕުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފަ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އަބްދުﷲ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާޢްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ބަދަލުތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ވެސް އައިސްފައިވާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ސްޕީޗް ތެރެޕީއާއި ޑެންޓަލް ހިދުމަތާއި އޯތޮޕީޑިކް ހިދުމަތާއި، އޮކިއުޕޭޝަނަލް ތެރަޕީ އާއި ފިޒިއޮތޮރަޕީ ފަދަ ހިދުމަތް ދެމުން ދެ އެވެ.