ދަ ޑިމޮކްރެޓްސް

އެމްޑީޕީން އުޅެނީ މުއިއްޒު ހުވާކުރިޔަ ނުދޭން

އެމްޑީޕީން މަސައްކަތް ކުރަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ހުރަސްއެޅުމަށް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ދަ ޑިމޮކްރެޓްސް އިން މިހެން ބުނެފައި މިވަނީ އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވައިފިނަމަ އެ ހުވާ ގަބޫލުނުކުރާނެ ކަމަަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބުނެފައި ވަނިކޮށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިނުކޮށް ޑރ. މުއިއްޒު ހުވާ ކުރައްވައިފިނަމަ އެ ހުވާ ގަބޫލުނުކުރައްވާނެ ކަމަށާއި އަދި އެގޮތަށް ހުވާކުރެއްވުމަށްފަހު އެކުލަވާލާ ކެބިނެޓަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން ރުހުން ނުދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ނިންމުމާ ގުޅިގެން ދަ ޑިމޮކްރެޓްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބް ރައީސް ހުވާ ކުރެއްވުމުގެ ދަރުބާރަށް ހުރަސް އެޅުމަށް އެމްޑީޕީން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެންގެވުމަކަށް ކަމަށެވެ.

"އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ލައްވައި ކުރައްވަން އުޅުއްވާ ހުތުރު މަސައްކަތްޕުޅު ކުށްވެރިކޮށް ރައްޔިތުންގެ ނިންމުމަށާއި ގާނޫނުއަސާސީގެ ހުރުމަތަށާއި ޑިމޮކްރަސީގެ އަސާސްތަކަށާއި މަކާރިމުލް އަހްލާގުގެ ހަމަތަކަށް ރުޖޫއަވެ ވަޑައިގަތުމަށް އިލްތިމާސް ކުރަމެވެ." ޑިމޮކްރެޓްސްގެ ކުރު ބަޔާނުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އަދި އެ ދެ ބޭފުޅުން ނުތިއްބަވާ ވަގުތުތަކުގައި މަޖިލީހުގެ ރިޔާސަތު ދެން ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަކީ ވެސް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ބޭފުޅުންނެވެ. އެހެންވެ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރުން އިސްކަން ދޭން ބޭނުންވާ މުހިއްމު މައްސަލަތަކާއި މުހިއްމު ބިލްތައް އެޖެންޑާކުރުމަށް ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.