ދަ ޑިމޮކްރެޓްސް

ލަމާރުކަޒީ ނިޒާމުގެ ބާރުކަނޑުވާނުލުމަށް ގޮވާލައިފި

ސަރުކާރުން ބަޖެޓް ކަނޑައެޅުމުގައި ގާނޫނާ ހިލާފުވެ، ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދަ ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށްފި އެވެ.

ޑިމޮކްރެޓުން ސަރުކާރަށް ފާޑުކިޔާފައި މިވަނީ ދައުލަތުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ދޭ އެހީ މަދުވާ ގޮތަށް އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުންނެވެ.

ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރައްޔިތުންނަށް ފޯރުވައިދޭންޖެހޭ ރަށްވެހި ހިދުމަތްތައް ފޯރުވައިދިނުމަށް، ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ މަދުވެގެން ފަސް ޕަސަންޓް ކައުންސިލްތަކަށް ދޭންވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

ޑިމޮކްރެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްތަކަށް ހައްގުވާ ބްލޮކް ގްރާންޓުން ވަރަށް ބޮޑު މިންވަރެއް ގާނޫނުއަސާސީއާއި ލާމަރުކާޒީ ގާނޫނާ ހިލާފަށް އުނިކޮށް، މާލީ ވަޒީރު ގާނޫނާ ހިލާފުވުމަކީ ކަންބޮޑުވާ އަދި އެ އަމަލު ކުށްވެރިކުރާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ލާމަރުކަޒީ އުސޫލު ހިފެހެއްޓުމާއި ކުރިއެރުވުމާއި ޑިމޮކްރެޓިކް ހިންގުން އަށަގަންނެވުމާއި ކުރިއެރުވުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

"ލާމަރުކަޒީ އުސޫލު ކުރިއަރުވައި ބާރުވެރިކުރުމުގެ ޒިންމާއަކީ ވަޒީރަކަށް ނުވަތަ ވެރިޔަކަށް ނުވަތަ މުއައްސަސާއަކަށް ވިޔަސް އޮތް އިހުތިޔާރީ ކަމެއް ނޫނެވެ. އެއާ ހިލާފަށް އެއީ ދުސްތޫރީ އަދި ގާނޫނީ ވާޖިބެކެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި ނިސްބަތަކުން ފައިސާ ދިނުމަށް ލާޒިމުކުރުމުން އެ ނޫން ގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވާލުމަކީ ސަރުކާރަށް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އޮތް ބާރެއް ނޫން ކަމަށާއި އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފުވުމުގެ އަމަލެއް ކަމަށެވެ.

"އެހެންކަމުން އެފަދައިން އަމަލުނުކުރެއްވުމަށާއި، ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވެވަޑައިގަތުމަށް މާލީ ވަޒީރަށާއި ސަރުކާރަށް މި ޕާޓީން އިލްތިމާސްކޮށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.