ރައްޔިތުންގެ މަޖިލިސް

ކައުންސިލަރުންނަށް ސިޓިން އެލަވަންސް ނުދޭން ނިންމައިފި

ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުން ސިޓިން އެލަވަންސް ނުދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ކައުންސިލަރުން ސިޓިން އެލަވަންސެއް ހަމަޖައްސައިދިނުމަށް މަޖިލީހުން ގޮތެއް ނިންމައިދިނުމަށް ހުށަހެޅީ ރ. ދުވާފަރު ކައުންސިލުންނެވެ.

ދުވާފަރު ކައުންސިލްގެ ހުށަހެޅުމުގައި ވަނީ ކައުންސިލްއާ ގުޅޭ ކަންކަމުގައި ރައްޔިތުންނާއި އަދި ފަންނީ ބޭފުޅުންނާ އެކު އެކުލަވާލާ ކޮމިޓީތަކުން ބާއްވާ ބައްދަލުވުންތަކުގައި އާއި ގާނޫނު ލާޒިމުކޮށްގެން އުފައްދާ އެހެން ކޮމިޓީ ބައްދަލުވުންތަކުގައިވެސް ބައިވެރިވާ ކައުންސިލް މެންބަރުންނަށް ސިޓިން އެލަވަންސެއް ހަމަޖެއްސުމާމެދު ލަފައެއް ދިނުމަށެވެ.

2020 ވަނަ އަހަރު އިންތިހާބު ކުރި ކައުންސިލަރުންގެ އަދަދުތައް

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރި އަންހެން ކައުންސިލަރުންގެ އަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރި ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު 923
  • ސިޓީތަކުން އިންތިޚާބުކުރި އަންހެން ކައުންސިލަރުންގެ އަދަދު 14
  • ސިޓީ ކައުންސިލަރުންގެ އަދަދު 28 (އަންހެން، ފިރިހެން)
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 4
  • ސިޓީތަކުގައި ޖުމްލަ ތިބި ކައުންސިލަރުން އަދަދު 46

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑުގައި މުސާރައާއި އެލަވަންސް ލިބޭނެ ގޮތްތައް ހިމަނާފައި ވަނިކޮށް ސިޓިން އެލަވަންސްގެ ނަމުގައި ވަކި އެލަވަންސެއް ދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން ސިޓިން އެލަވަންސް ދެވެން ނެތް ކަމަށް ކޮމިޓީން ފާސްކުރުމަށް އިލްޔާސް ހުށަހެޅުއްވި އެވެ.

އިލްޔާސްގެ ހުށަހެޅުއްވުމަށް އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ތާއީދު ކުރެއްވި އެވެ. އިލްޔާސްގެ ހުށަހެޅުން ކޮމިޓީން ފާސްކުރީ އެ ވަގުތު ބައްދަލުވުމުގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.