އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ކުރިމަތިލައްވައި ބައެއް މުވައްޒަފުންގެ ތަކެއްޗަށް ގެއްލުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. ނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތު އިންނަވަންޖެހޭ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ސަލާމް ފޮނުއްވާފަ އެވެ. އެހެންވެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންގޮސް ވަނީ ކެންސަލްކޮށްފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިދާރީ މުވައްޒަފުން ތިއްބަވާ މޭޒުގެ ކައިރިއަށް ވަޑައިގެން ކޯފާއިސްކުރައްވާ މުވައްޒަފުންނާ ވާހަކަދައްކަވާފަ އެވެ. އެވަގުތު އެތަނުގައި ހުންނެވި ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވަނީ ކައުންސިލާ ޖެނަރަލް ފާތިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިއުޓަރު ސިސްޓަމް ވައްޓާލައްވާފަ އެވެ. ޝަހީމް އެގޮތަށް އަމަލުކުރެއްވުމާ ގުޅިގެން ފިލްޒާގެ ފޯނަށް ފެން އެޅި ފޯނުވެސް ވަނީ ހަލާކުވެފަ އެވެ.
މީގެއިތުރުން އެމްޑީޕީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވާފަ އެވެ.
އެމްޑީޕީގެ މެންބަރުންގެ މިއަމަލުތައް ދަ ޑިމޮކްރެޓްސް އިން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ މަޖިލީހުގެ އިދާރީ މުވައްޒަފުންގެ ތަކެއްޗަށް ގެއްލުންދީ، މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުގައި ގަވައިދާ ހިލާފަށް އިށީދެވަޑައިގަތުން ފަދަ ނާތަހުޒީބީ އަމަލުތައް ނުހިންގުމަށް ގޮވާލާފަ އެވެ.
"އަދި އެ އަމަލުތަކުގައި ޖިނާއީ ކުށެއް އެކުލެވޭނަމަ އެކަން ބައްލަވައިދެއްވުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ،"