ހަބަރު

"ޒިކާ" ވައިރަހަށް ޓެސްޓުކުރަން ލޭގެ ސާމްޕަލް ނަގަން ފަށައިފި

ހަލުވިކަމާއި އެކު ދުނިޔެއަށް ފެތުރެމުން އަންނަ ޒިކާ ވައިރަސް، ރާއްޖޭގައި ހުރިތޯ ބެލުމަށް ޓެސްޓު ކުރާ ޕްރޮގްރާމެއް ހެލްތު މިނިސްޓްރީން ފަށައިފި އެވެ. ޕްރޮގްރާމް ފެށީ މިދިޔަ ހަފުތާގަ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން އަވަސް އަށް ވިދާޅުވީ، މިދިޔަ ހަފުތާއިން ފެށިގެން ޒިކާއަށް ޓެސްޓުކުރަން ލޭގެ ސާމްޕަލް އެއްކުރަން ފަށާފައިވާ ކަމަށެވެ. ލޭގެ ސާމްޕަލް ނަގަނީ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ގައިން ކަމަށެވެ.

ޒިކާ ވައިރަސް އަކީ ޑެންގި ބަލިވެސް ފަތުރާ، އީޑީސް މަދިރިން ޖެހޭ ބައްޔަކަށް ވުމުން، ސާމްޕަލް ނަގާއިރު، އެންމެ ފަހުން ރާއްޖޭގައި ޑެންގި ހުން އާންމުވި ދުވަސްކޮޅު އެ ބަލި އެންމެ ބޮޑަށް ފެތުރުނު ސަރަހައްދުތަކަށް އިސްކަންދޭނެ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

ޓެސްޓުހަދަން ނަގާ ބްލަޑް ސާމްޕަލް ތައް ފޮނުވަނީ ބެންކޮކުގައި ހުންނަ ލެބޯޓަރީ އަކަށެވެ.

"މި ސަރަހައްދުގައި ހުންނަނީ ޒިކާ ވައިރަހަށް ޓެސްޓު ކުރެވޭ ދެ ލެބޯޓަރީ އެއް. އެއީ އިންޑިއާގައި ހުންނަ ތަނަކާއި ތައިލެންޑްގެ ބެންކޮކުގައި ހުންނަ ތަނެއް. އެހެންވީމަ ސާމްޕަލް ނެގުމާ އެ ހުރިހާ ކަމެއް ކުރިއަށް މި ގެންދަނީ އެމީހުންގެ ސްޓޭންޑަޑަށް. ވަކި ވަރަކަށް ސާމްޕަލް ނެގުނީމަ ޓެސްޓު ހަދަން ފޮނުވޭނީވެސް. އެހެންވެ އަދި އެއްވެސް ސާމްޕަލް އެއް އެކޮޅަކަށް ނުފޮނުވަން،" ތަސްލީމާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރާއްޖޭގައި ޒިކާ ވައިރަސް ހުރިތޯ ބެލުމަށް ނިންމީ، ފިންލޭންޑްގެ މީހެއް ރާއްޖޭގައި ހުރުމަށްފަހު އެނބުރި ގައުމަށް ދިޔަ އިރު އޭނާ ގައިން ޒިކާ ވައިރަސް ފެނުމާއި ގުޅިގެންނެވެ. ނަމަވެސް ހެލްތު މިނިސްޓްރީ އިން ބުނެފައި ވަނީ އޭނާ އަށް ޒިކާ ވައިރަސް ޖެހުނީ ރާއްޖެއިން ކަން ޔަގީން ނުވާ ކަމަށެވެ.

ޒިކާ ވައިރަސް އަކީ އިންފެކްޓް ވެފައި ނުވަތަ ޒިކާ ވައިރަސް ޖެހިފަ ހުންނަ މަދިރި އިންސާނުންގެ ގައިގައި ހެފުމުން ޖެހޭ ބައްޔެކެވެ. އެބަލީގެ އަލާމާތްތަކަކީ ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގަ ރިއްސުމާ ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެއެވެ.

ސައިންޓިސްޓުން ޒިކާ ވައިރަސް ފުރަތަމަ ދެނެގަނެފައިވަނީ 1952 ގައެވެ.

އެ ބަލި ޖެހުމުން، ޑެންގީ ޖެހުމުން ހުން އަންނަ ގޮތަށް ހުން އައުމާއި، ގައިގަ ރިއްސުމާ ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވެ އެވެ.