ރައްޔިތުންގެ މަޖިލިސް

މޫސުން ގޯސްވެއްޖެނަމަ ހުވާކުރުން އޮންނާނީ މަޖިލީހުގައި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް މޫސުން ތަން ނުދޭނަމަ އެ ރަސްމިއްޔާތު ބާއްވާނެ ދެވަނަ ތަނަކީ ރައްޔިތުންގެ މަޖިލިސް ކުރާ ގެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

މަޖިލީހުގެ އިދާރާ އިން މިރަސްމިއްޔާތު ބާއްވަން މިހާރު ތައްޔާރުކުރަމުން ދަނީ ޖުމްހޫރީ މައިދާނެވެ. އެއީ ވީހާވެސް ގިނަ ބަޔަކު މިރަސްމިއްޔާތުގައި ބައިވެރިކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގަންނަވާތީ ޖުމްހޫރީ މައިދާން ސަރަހައްދަކީ އެކަމަށް އެކަށީގެންވާ ސަރަހައްދެއް ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

މޫސުން ގޯސްވެ ރަސްމިއްޔާތު ބާއްވަން ދަތިވާ ހާލަތެއްގައި "ޕްލޭން ބީ" އަކީ ނުވަތަ މިރަސްމިއްޔާތު ބާއްވާނެ ދެވަނަ ތަނަކީ ކޮބައިތޯ އަވަސް އިން ސުވާލުކުރުމުން މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ ޕްލޭން ބީ އަކީ މަޖިލިސް ކުރާ ގެ ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް 3،500 އަށް ވުރެ ގިނަ ބޭފުޅުންނަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މިރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރުމަށް ހަވާލުކޮށްފައިވަނީ 22.9 މިލިއަން ރުފިޔާއަށް ސިފައިންގެ ސިފްކޯ އަށެވެ.

އިންތިހާބީ ރައީސް ހުވާ ކުރެއްވުން އޮންނާނީ ކުރިއަށް އޮތް ނޮވެމްބަރު 17ވާ ހުކުރު ދުވަހުގެ ހަވީރު އެވެ.