ހަބަރު

ނަޝީދުގެ މައްސަލަ ފަސްކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން އަންގައިފި

ނަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ދޮޅު މަހަށް ފަސްކޮށް ދެވެން ނެތް ކަމަށް އެ ކޯޓުން ނަޝީދަށް އަންގައިފި އެވެ.

ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިންގާ މައްސަލަ ބަލާ ހުޅުމާލޭ ކޯޓުގެ ބެންޗު ސައްހަ ނޫން ކަމަށް ބުނެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގެ މައްޗަށް ދައުވާކޮށް ނަޝީދު ހުށަހެޅުއްވި އެ މައްސަލައިގެ ޝަރީއަތް އަންނަ ބުދަ ދުވަހު ބާއްވަން ތާވަލްކޮށްފައި ވަނިކޮށް އެ މައްސަލަ ދޮޅު މަހަށް ފަސްކޮށް ދިނުމަށް އެދި ނަޝީދުގެ ފަރާތުން ވަނީ ހައި ކޯޓުގައި މިއަދު އެދިފަ އެވެ. ނަމަވެސް މީގެ ކުރިން ނަޝީދު ވަނީ މި މައްސަލަ އަވަހަށް ނިންމައިދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. 

އެނގިފައިވާ ގޮތުގައި، މައްސަލަ ފަސް ނުކުރަން ކޯޓުން ނިންމީ މައްސަލަ އަވަސް ކުރުމަށް ނަޝީދު އެދިވަޑައިގެންފައި ވުމާއި މި މައްސަލަ އަކީ ގިނަ ދުވަސް ވެފައިވާ މައްސަލައަކަށް ވުމުންނެވެ.

ނަމަވެސް އަންނަ ބުދަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް އެ ޝަރީއަތް ދޮޅު މަހަށް ފަސްކޮށް ދެވެން ނެތް ކަމަށް އަންގައި، ނަޝީދުގެ ގާނޫނީ ޓީމަށް ހައި ކޯޓުން މިއަދު ޖަވާބު ދީފައިވާ ކަމަށް "އަވަސް" އަށް ވަނީ ކަށަވަރުވެފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް އަންނަ ބުދަ ދުވަހު ބާއްވަން ހަމަޖައްސާފައި ވަނީ އަޑުއެހުމެއް ނުބާއްވާތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެ ޝަރީއަތް ހައި ކޯޓުގައި ކުރިއަށް ނުގެންދެވި މަޑުޖެހުނީ އެ މައްސަލަ ހައި ކޯޓުން ބަލާ ބެންޗުގައި ހިމެނޭ ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސަސްޕެންޑް ކުރުމުންނެވެ.

ފިޔަވަޅު އެޅުމުގެ ގޮތުން މިހާރު ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާ ޝަރީފްގެ ބަދަލުގައި އެހެން ފަނޑިޔާރަކު އެ ބެންޗަށް އައްޔަންކޮށްގެން އަންނަ ބުދަ ދުވަހު ބާއްވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ކަމަށް ވަނީ އެނގިފަ އެވެ.

ހުޅުމާލޭ ކޯޓުގެ ބެންޗު ކަނޑައެޅީ ޖޭއެސްސީން ކަމަށް ވާތީ އެ ބެންޗު ސައްހަ ނޫން ކަމަށް ބުނެ ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ނުނިމި އޮއްވާ ހުޅުމާލޭ ކޯޓުގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު މާލޭގެ ދެ ކޯޓަކަށް ބަދަލު ކުރުމުން އެ ބެންޗު މިހާރު ވަނީ އުވިފަ އެވެ. ހުޅުމާލޭ ކޯޓުގައި އޮތް ނަޝީދު ޝަރީއަތް ކުރިއަށް ގެންދެވެން އޮތީ ވެސް ހައި ކޯޓުން މައްސަލަ ނިމިގެނެވެ.