ދުނިޔެ

ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތައް 1،000 މީހަކަށް އަމާޒުވި: ހެލްތު މިނިސްޓްރީ

ޔަހޫދީ އަސްކަރީ ޖެޓު ފައިޓަރުތަކުން ޣައްޒާގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި މަރުވި މީހުންނާއި، ޒަހަމްވި މީހުން އަދި ވީނުވިއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 1،000 އަށް އަރާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޣައްޒާގެ އިންޓީރިއާ މިނިސްޓްރީން ފޭސްބުކްގައި ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ޖަބަލިއާ ކޭމްޕަށް ޔަހޫދީ އަސްކަރީ ޖެޓުތަކުން ތިން ފަހަރެއްގެ މަތިން ދިން ހަމަލާތަކުގައި --- ކޭމްޕް ވަށައިގެން އޮތް ސަރަހައްދުން 400 އާންމުން މަރުވި އެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސް އިން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކަށް ބަދަލުހިފުމަށް ވަޔާއި ކަނޑުން އަދި އެނގަމު މަގުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، ޔަހޫދީންގެ ހަމަލާތައް އެންމެ ގިނައިން އަމާޒުކުރަނީ އާންމުންނަށެވެ.

ޣައްޒާގައި އެންމެ ގިނަ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލުތަކަށާއި ރެފިއުޖީ ކޭމްޕްތަކަަށް ޔަހޫދީން ހަމަލާދެނީ -- ހަމާސްގެ ހަނގުރާމަވެރިން އެ ތަންތަނުގައި ބިންގަރާސް ހަދައިގެން ތިބޭ ކަމަށް ބުނެ އެވެ.

ހަމާސް ވުޖޫދުން ފޮހެލުމުގެ ނަމުގައި ޔަހޫދީން މިހާރު ތިބީ އެއްގަމު މަގުން ޣައްޒާއަށް އަރަ އެވެ. ނަމަވެސް ޔަހޫދިން ކުރިން ރާވާފައި އޮތް ގޮތަށް ޣައްޒާގައި ކުރިއެރުން ނުލިބޭ ކަމަށް ހަބަރުތައް ބުނެ އެވެ.

ހަމާސްގެ އޮފިޝަލުން އަލްޖަޒީރާއަށް ބުނި ގޮތުން ޔަހޫދީ ޓޭންކްތަކަށް މޯޓަރު ބޮމުންނާއި ރޮކެޓުން ވާނީ ހަމަލާދީފަ އެވެ. އަދި ޔަހޫދީން ދަތުރުކުރި ބައެއް މަގުތައް ބަދަލުކުރުވައި ކުރިއެރުން ހުއްޓުވާފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޔަހޫދީ އަސްކައިއްޔާއިން ވެސް ވަނީ ހަމާސްގެ ހަނގުރާމަވެރިންގެ ފަރާތުން ޔަހޫދީ ސިފައިންނަށް އަނިޔާވެފައިވާ ކަމަށް އެއްބަސްވެފަ އެވެ. އަދި ކުރިން ހީކުރި ގޮތާ ހިލާފަށް ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު ވަނީ މަރުވެސްވެފަ އެވެ.

ޔަހޫދީންނަކީ އެ މީހުންގެ އަސްކަރިއްޔާއަށް ލިބޭ ގެއްލުން ހާމަކުރާ ބައެއް ނޫނެވެ. ނަމަވެސް ހަބަރު ފަތުރާ ވަސީލަތްތަކާ ހެދި ޔަހޫދީންނަށް އެއްވެސް ކަމެއް މިފަހަރު ފޮރުވޭކަށް ނެތެވެ.

ޔަހޫދީ ޖެޓުތަކުން ހަމަލާދެމުން ދާއިރު ހަބަރު ފަތުރާ ވަސީލަތްތަކުން އެ މަންޒަރުތައް ވަގުތުން ދުނިޔެއަށް ދެއްކުމާއި މަރުވާ މީހުންނާއި ޒަހަމްތައް ވެސް ދަނީ ދުނިޔެއަށް ދެއްކުމަށް ސޯޝަލް މީޑިއާގައި ގެނެސްދެމުންނެވެ.