ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނޭހެން އަދި ހުރިހާ ރައްޔިތުންގެ ހައްގުތައްވެސް ކަށަވަރުވާނޭހެން ނިންމާ ނިންމުންތަކަކަށް ހެދުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެލްޖީއޭ އިން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ފިރިން އަދި ދަރިންނަށް ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިމުމަށް ކައުންސިލުން ނިންމުމާ ގުޅިގެންނެވެ.
ފެލިދޫ ކައުންސިލުން މިމަހުގެ އެއްވަނަ ދުވަހު ކޮށްފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ ފައިސާ ނުދައްކާ މީހުންނާއި، އެމީހުންގެ އަނބިން، ފިރިން އަދި ދަރިންނަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް ހިދުމަތެއް ނުދިނުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށްވެސް އިއުލާންގައިވެ އެެވެ.
ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުން ފައިސާ ދެއްކުމަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ފަހުން ފައިސާ ނުދައްކާ މީހުންގެ ލިސްޓް ކޮންމެ މަހަކު އާއްމުކޮށް އިޢުލާންކުރަމުން ގެންދިއުމަށްވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.
ފެލިދޫ ކައުންސިލްގެ ނިންމުމާ ގުޅިގެން އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކިއެކި ފަރާތްތަކުން ކައުންސިލްތަކުން ލިބިގަންނަ ހިދުމަތްތަކާއި މަދަނީ މުއާމަލާތްތަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދެއްކުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މާލީގޮތުން ނުހަނު ގޮންޖެހުން ކުރިމަތިވާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"އެހެންނަމަވެސް ކައުންސިލްތަކުން ހަދާ ގަވައިދުތަކާއި ނިންމާ ނިންމުންތައް ނިންމަންވާނީ ގާނޫނުއަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގަކަށް އުނިކަން ލިބިގެން ނުދާނޭހެން ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ނިންމާ ނިންމުކަށް ވާންވާނެ އެވެ.،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ރަށެއްގެ ރައްޔިތުން އެއަށް އަމަލުކުރުމަށް ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރު ލިބިގެން ނިންމޭ ނިންމުމަކަށް ކަމަށެވެ. ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރެެއިން ބައެއް ކަންކަން ހަމަޖައްސައިދެނީ ކައުންސިލްތައް މެދުވެރިކޮށް ކަމަށްވާއިރު ކައުންސިލަކުން ފޯރުކޮށްދޭ ހިދުމަތްތަކުން އެއްވެސް ރައްޔިތަކު މަހުރޫމު ކުރެވޭނީ ގާނޫނީއަސާސީއާއި ހިލާފުނުވާނޭހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމުގެ ބާރު ލިބިގެން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. ކައުންސިލާއި އަމިއްލަ ފަރުދަކާ މެދު ކުރެވޭ މަދަނީ މުއާމަލާތެއްގެ ތެރެއިން އެފަރާތުން ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކުން ގާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަކުރާ ފިޔަވަޅެއް އެޅުން ފިޔަވައި އެއްވެސް ރައްޔިތަކާމެދު އިތުރު ފިޔަވަޅެއް އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމުގައި އެ އޮތޯރިޓީން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެލްޖީއޭ އިން ބުނީ ކައުންސިލަކާއެކު ވެވޭ މަދަނީ މުއާމަލާތެއްގެ ސަބަބުން އެފަރާތަކުން އަދާކުރަންޖެހޭ ކަމެއް ނުވަތަ ދައްކަން ޖެހޭ ފައިސާއެއް ނުދެއްކުމަކުން ވަކިފަރުދަކާމެދު ފިޔަވަޅެއް އަޅަން ވާނީ އެފަދަ މުއާމަލާތަކާ ގުޅިގެން ހެދިފައިވާ އެއްބަސްވުމެއްގައި ބަޔާންކުރާ ނުވަތަ ގާނޫނާއި ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން ކަމަށެވެ. އެފަދަ މުއާމަލާތަކާ ގުޅިގެން އެ މުއާމަލާތުގައި ނުހިމެނޭ، އެކިއެކި ފަރުދުންގެ މަދަނީ ހައްގެއް ހިފެހެއްޓުމަކީ ކައުންސިލްތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެހެންކަމުން ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމުންތައް ނިންމުގައި އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނޭހެން ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނޭހެން ނިންމުންތައް ނިންމުމަށް ލޯކަލް ކައުންސިލްތަކަށް އިލްތިމާސްކުރަމެވެ. އަދި އެއްވެސް ރައްޔިތަކު އެމައްޗަށް އަމަލުކުރަން ލާޒިމުވާ ނިންމުމެއް ކައުންސިލަކުން ނިންމެވުމުގެ ކުރިން އެކަންކަމަށް ބޭނުންވާ މުނިސިޕަލް ގަވައިދުތައް ކައުންސިލްތަކުން ފާސްކޮށް ގެޒެޓްކުރުމަށް ދަންނަވަމެވެ،" ހުރިހާ ކައުންސިލަކަށް އަމާޒުކޮށް އެލްޖީއޭ އިން ނެރެފައިވާ ބަޔާނުގައިވެ އެވެ.