ކުޑަކުދިންނަން ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރަށް ހިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލައިފި އެވެ.
މިފުރުސަތު ހުޅުވާލާފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އެ ލިސްޓް އިއްޔެ އާންމުކުރުމާ ގުޅިގެން ބައެއް ކަންކަމުގެ މައުލޫމާތު ސާފުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ބައެއް ފަރާތްތަކުން ހުށަހަޅަމުންދާތީ އެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބުނީ މި ދަފްތަރު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އީމެއިލް މެދުވެރިކޮށް އަދި އެ އެޖެންސީއަށް ގުޅައިގެންވެސް ހިޔާލު ހުށަހެޅިދާނެ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ލިސްޓް 2018 ވަނަ އަހަރުން ފެށިގެން އާންމުކުރި އެވެ. ނަމަވެސް އެކަން މެނުއަލްކޮށް ކުރަންޖެހޭތީ ގަވައިދުން އެ ލިސްޓް އަޕްޑޭޓެއް ނުކުރެ އެވެ.
މި ލިސްޓްގައި ހުކުމް ތަންފީޒުކުރާ މީހާގެ ފޮޓޯއާއި އެކު އޭނާގެ އާންމު ވަނަވަރު އަދި ހުކުމް ތަންފީޒުކުރަން ހުންނަ ތަނުގެ މައުލޫމާތުވެސް އެނގޭ ގޮތް ހަދާފައިވެ އެވެ.