ފިނިޕޭޖް

ކޮރަޕްޝަންގެ ތެރެއިން "ބިތުފަންގި" ނެގިއިރު އޮހުނީ ތައުރީފު!

"މީހުން ހޭލުންތެރިވާނެ. އެކަމަކު ހިއެއް ނުވޭ ކޮރަޕްޝަންގެ އަމަލުތައް މަދުވާނެ ހެނެއް. އެއްޗެއް ބެލިއަސް އޭގެން އިބުރަތެއް ހާސިލް ނުކުރާހާ ހިނދަކު ކުރާނެ ފައިދާއެއް ނޯންނާނެ" މިއީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ކެމްޕޭނެއްގެ ތެރެއިން އުފައްދާފައިވާ ޑްރާމާ ސިލްސިލާ "ބިތުފަންގި" ގެ ސީޒަން ދޭއް ޕްރިމިއާ ކުރުމަށް އޮލިމްޕަހުގައި ރޭ ބޭއްވި ހާއްސަ ޝޯ އަށް ދިޔަ އާއްމު މީހެއްގެ ހިޔާލެވެ.

"މީހުން ހޭލުންތެރިވާނެ. އެފަދަ އަމަލުތައް ކުރަން ފަސް ޖެހޭނެ. މިކަހަލަ ޑްރާމާތައް ގިނަ ގިނައިން ގެނެސްދޭން އެބަޖެހޭ،" މިއީވެސް މި އެޕިސޯޑް ބެލި މީހެއްގެ ހިޔާލެވެ.

މި ޑްރާމާ ލިޔެ ޑައިރެކްޓްކުރި މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ހިޔާލަކީ އަދި މި ޑްރާމާއެއް ބެލި އެންމެންގެ ހިޔާލަކީ ވެސް މިއީ އެވެ.

ރާއްޖޭގެ މުޖުތަމައާ ގުޅޭ އިބްރަތްތެރި މެސެޖްތަކެއް ލިިބިގެންދާ މި ޓީވީ ސީރީޒް ރަސްމީކޮށް ލޯންޗްކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް ޝަރުމާ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޝަރްމާ ވަނީ ކޮރަޕްޝަން ނައްތާލުމުގެ މުހިއްމުކަމާއި ބެހޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ކޮރަޕްޝަން ނައްތާލުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށާއި ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރެވޭނެ އިތުރު ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދެއްކެވި އެވެ. އެހެން ނަމަވެސް ކޮރަޕްޝަން ނައްތާލުމަށް އެންމެ އެދެވޭ ހައްލެއް މިހާތަނަށް އެއްވެސް ގައުމަކަށް ހޯދިފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މި ޑްރާމާ ޓީވީއެމުން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހެއްގެރޭ 10:00 ގެނެސްދޭނެ އެވެ. ޓެޑްރީގެ މި މަސައްކަތް ވެގެންދާނީ ރަސްމީކޮށް ޑައިރެކްޓްކުރި ހަމައެކަނި ފިލްމު ކަމުގައިވާ "ދެރިޔާ" އަށް ފަހު ބެލުންތެރިންނާ ހަމަ އަށް ގެނެސްދޭ ފުރަތަމަ ޑައިރެކްޝަނަށެވެ.

ބިތުފަންގި ޕްރޮގްރާމާއި ބެހޭގޮތުން ޓެޑްރީ ބުނީ މިއީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލުމަށްފަހު ނިންމާލެވުނު މަސައްކަތެއް ކަމަށެވެ. އެގޮތުން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭޏް ދެކޮޅު ހެދިކަމަށް ވިދާޅުވަމުން ނިޔާޒް ވިދާޅުވީ ޑްރާމާގެ ރިސާޗަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސަރުކާރުގެ އޮފީސްތަކަށް އެޕޮއިންޓްމެން ހައްދައިގެން ދިއުމުން "ފަހާލާފައި ބޭރު ކުރީ" ކަމަށެވެ.

"މައުލޫމާތު ފޯރުކުރުމުގައި ދެކޮޅު ހެދުން. މައުލޫމާތު ހޯދުމުގައި ހުރި ހުރަސްތައް. ސްކްރިޕްޓް ޑެވަލޮޕް ކުރުމަށްޓަކައި ބޭނުންވާ ރިސާޗު މަސައްކަތުގެ ތެރޭގައި ސަރުކާރުގެ އޮފީހަކަށް އެޕޮއިންޓްމެންޓް ނަގައިގެން ގޮސްވަނީމާ އެންމެ އާދައިގެ ބަހުރުވައިން ދަންނަވާނަމަ ފަހާ ބޭރުކުރީ. ފަހާލާފައި ބޭރު ކުރީ ދިވެހި ރައްޔިތެއްގެ ގޮތުން އިހުތިރާމް ވެސް ނުލިބުނު،" ޓެޑްރީ ބުންޏެވެ.

އަދި މީގެއިތުރުން ޓެޑްރީ ބުނީ ކޮރަޕްޝަނުގެ ވިހަ ރާއްޖޭގައި ނުފެތުރޭ އެއްވެސް ދިމާލެއް ނެތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޓީވީއެމްއާ އެކު މި ޑްރާމާ ރާއްޖޭގެ އެހެން ޗެނަލްތަކުން ވެސް ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ސަންގު ޓީވީ، ޗެނަލް 13، ދި ޓީވީ، ސަން ޓިވީ އަދި ވީ ޓީވީ ހިމެނެ އެވެ. މަޝްހޫރު ލޯކަލް ޗެނަލްތަކަށް ބަލާއިރު ރާއްޖެ ޓީވީ އިން މި ޑްރާމާ ދައްކަން އެއްބަސްވެފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

ބިތުފަންގި ސީރީޒްގެ 13 އެޕިސޯޑަށްފަހު މީހުން ކޮރަޕްޝަނަށް އަރައިގަންނަން ޖެހިލުންވާނެ ކަމަށް ނިޔާޒް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ބިތުފަންގި ޕްރޮގްރާމް ބެލި ބައެއް އާއްމުންގެ ހިޔާލުގައި މި ޕޮރޮގްރާމްގެ ސަބަބުން އާއްމުން ވަރަށް ބޮޑަށް ހެލުންތެރި ވާނެ ކަމަށް ފާހަގަ ކުރި އެވެ. އެހެން ނަމަވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ މިންވަރު މަދުވެދާނެ ކަމަށް ގިނަ މީހުންނަށް ގަބޫލެއް ނުކުރެވެ އެވެ.

"ބިތުފަންގި" ސީޒަން ދޭއްގެ މަންޒަރުތައް ނަގައިފައި ވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން މާލެއާ ކައިރި ބައެއް ރަށްރަށުގަ އެވެ. މި ޑްރާމާއިން ފިލްމީދާއިރާގައި މަސައްކަތްކަތްކުރާ ބައެއް ޒުވާން ތަރިންނާއި، ދުވަސްވީ ތަރިންގެ އިތުރަށް މުޅިން އާ މޫނުތަކެއް ވެސް ފެނިގެންދާނެ އެވެ.

ރޭގެ ރަސްމިއްޔާތުގެ އޭސީސީގެ ފަރާތުން ވަނީ ރޯލް ޕްލޭއެއް ހުށަހަޅާދީފަ އެވެ. އަދި ބިތުފަންގި ދެއްކުމަށް ބައިވެރިވި މީޑިއާތަކަށް ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ.