މޯލްޑިވްސް ނޭޝަނަލް ޕާޓީ

މިރްފަތު، އެމްއެންޕީ އިން ވަކިވެވަޑައިގެންފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް މިރްފަތު އިސްމާއީލް ޝަފީގު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

މިރްފަތު އެމްއެންޕީން ވަކިވެވަޑައިގަތީ މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމުވެސް ވާދަކުރެއްވި އެވެ. ނަމަވެސް އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގައި ނާޒިމަށް ލިބިވަޑައިގަތީ ހަތްވަނަ އެވެ.

އަވަސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިރްފަތު ވިދާޅުވީ އޭނާ އެމްއެންޕީން ވަކިވެވަޑައިގެންނެވި ނަމަވެސް އެ ޕާޓީގެ އެއްވެސް ބޭފުޅަކާ އެއްވެސް މައްސަލައެއް ޖެހިފައި ނެތް ކަމަށެވެ.

މިރްފަތު ވިދާޅުވީ އޭނާ އެމްއެންޕީން ވަކިވެވަޑައިގަތީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިދުމަތް ކުރުމުގެ ވިސްނުމެއް އޮތުމުން ކަމަށެވެ.

"ނަމަވެސް މިވަގުތު އަޅުގަނޑު އަދި މިހުރީ އެއްވެސް ސިޔާސީ ޕާޓިއެއްގައެއް ނޫން،" މިރްފަތު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުމެއްވެސް އެބައޮތް ކަމަށާއި ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

މިރްފަތަކީ އެމްއެންޕީ އުފެއްދުމުގެ މަރުހަލާ އިން ފެށިގެން އެ ޕާޓީން ވަކިވެވަޑައިގަތުމާ ހަމައަށްވެސް ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.