ޑރ. މުހައްމަދު މުއިއްޒު

އާ ސަރުކާރުގައި 22 ވުޒާރާ، ނަތީޖާ ނެރޭނެ: މުއިއްޒު

އާ ސަރުކާރުގައި 22 ވުޒާރާ ހުންނާނެ ކަމަށާއި އަދި އާންމުވެގެން އުޅޭ ވަޒީރުންގެ ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން 95 ބޭފުޅުންނަކީ ރަނގަޅު ނަންތަކެއް ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އިންތިހާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ވުޒާރާ ގިނަވީ "ފޯކަސްޑް" މަސައްކަތްތަކެއް ކުރަން ބޭނުންވާތީ ކަމަށެވެ. ވުޒާރާތައް ގިނަވި ނަމަވެސް ނަތީޖާ ނެރެދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

"އަޅުގަނޑު ދަންވަމުން މިއަންނަނީ އެފިޝަންޓް ސަރުކާރެކޭ ހިންގާނީ މިނިސްޓްރީތައް ގިނަ ވިޔަސް. ކޮންމެ ޕޯޑިއަމެއްގައި ވީ ވައުދު ފުއްދާނަމޭ އެކަން ކުރާން ނަގާ ޓީމެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާ ސަރުކާރުގައި ހިމެނޭ ބޭފުޅުންނާ މެދު ރައްޔިތުންގެ ތަފާތު ވިސްނުންތައް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމުގައި ވިދާޅުވި އެވެ. ރައްޔިތުންނަށް ދެއްވެވި ޔަގީންކަމަކީ އެމަނިކުފާނުގެ ސަރުކާރެއްގައި އިސް މަގާމުތަކުގައި ތިއްބަވާނީ އެމަނިކުފާނު ވަކި ކަމެއް ކުރައްވަން އެންގެވީ ދެން އެހެން ބޭފުޅެއްގެ ހުއްދައެއް ހޯދުމެއްނެތި ކަންކަން ކުރައްވާނެ ބޭފުޅުން ކަމެވެ. އަދި އެ ބޭފުޅުން ވާނީ ވައުދުތައް ރަނުން ރަނަށް ފުރިހަމަކޮށްދެއްވާނެ ބޭފުޅުންނަށް ކަމުގައި ވިދާޅުވި އެވެ.

"ނިކުމެގެން އުޅޭ ލިސްޓްތަކަށް ބަލާއިރުގައި ހަމަ ގާތްގަނޑަކަށް 90 ޕަސެންޓް ރަނގަޅު. 95 ޕަސެންޓް ވެސް ރަނގަޅޭ ކަންނޭނގެ ދަންނަވަން ޖެހޭނީ. އެ ނަންތަކުގައި ކުދިކުދި ބަދަލު އެބަހުރި. ދެން މީ ކުޑަކުޑަ ދުނިޔެއެއް. ވާނެ ގޮތަކީ ކިތަންމެ ސިއްރު ހިފަހައްޓަން މަސައްކަތް ކުރިއަސް އެންމެ ގާތް މީހާ ގާތު ބުނީމާ އޭނާ ގާތު މި ވާހަކަ ސިއްރު ކޮށްފައި ބާއްވާށޭ ދެންނެވިޔަސް އޭނާގެ އެންމެ ގާތް މީހާ ގާތު އޭނާ ބުނާނެ،" ކެބިނެޓްގައި ހިމެނޭ ބޭފުޅުންނާ ގުޅޭގޮތުން ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓްގައި އަންހެން ބޭފުޅުން ތަންކޮޅެއް މަދުން ތިއްބެވި ނަމަވެސް މުޅި ސަރުކާރަށް ބަލާއިރު އިސް މަގާމުތަކުގައި އަންހެން ބޭފުޅުން އެންމެ ގިނަ ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރު ވާނެ ކަމަށެވެ. އެގޮތުން އާ ސަރުކާރުގައި މުހިއްމު ހަ ކުންފުންޏެއްގެ ހިންގުން ހަ އަންހެން ބޭފުޅަކާ ހަވާލުކުރަން ނިންމަވާ އެބޭފުޅުންނަށް އެކަން އަންގަވާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ މަގާމުތައް ދިނުމުގައި ބެއްލެވީ އެ ދާއިރާއަކުން ކިޔަވާ ވިދާޅުވެފައިވާ ނުވަތަ އެ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅުން މަގާމުތަކަށް ހަމަޖެއްސެވުމަށް ކަމަށެވެ. ނަމަވެސް ބައެއް ތަންތަނުގައި ހިންގުންތެރިކަމަށް ބެލެވޭ ބޭފުޅުން ވެސް ތިއްބަވާނެ ކަމުގައި ވިދާޅުވި އެވެ.

"ތަންކޮޅެއް އާ ބޭފުޅުން ވެސް ތިއްބަވާނެ. އެހެންނަމަވެސް ތައުލީމީ ގޮތުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ނެތް ބޭފުޅަކު ނުހުންނާނެ. ޕީއެޗްޑީ ހޯލްޑަރުންގެ ގޮތު ނުވަ ބޭފުޅުން ތިއްބަވާނެ މާސްޓާގެ އަށް ބޭފުޅުން ވަރު ތިއްބަވާނެ މީން ކޮންމެ ބޭފުޅަކީ އަޅުގަނޑަށް އެ ބޭފުޅަކާ މެދުގައި ފުރިހަމަ ޔަގީންކަން އޮތް ބޭފުޅުން،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ހަގީގީ މާނައިގައި ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ ވަޒީރަކަށް ވިޔަސް ކުންފުންޏެއްގެ އިސްވެރިޔަކަށް ވިޔަސް ފިޔަވަޅު އަޅުއްވާނެ ކަމުގައި ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ އާ ސަރުކާރުގައި ވުޒާރާ ގިނަ ނަމަވެސް މިހާރު ހިނގަމުންދާ ސަރުކާރާއި އަދި އޭގެ ކުރީގެ ސަރުކާރަށް ވުރެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށެވެ. އަދި އަމިއްލަ މީހުންގެ އިމާރާތްތައް އިތުރަށް ކުއްޔަށްވެސް ނަގަން ނުޖެހޭ ކަމުގައި ވިދާޅުވި އެވެ.