އަލީ އާޒިމް

ނަޝީދުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާއަށް އެއްބާރުލުން ދޭނަން: އާޒިމު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދޭނެ ކަމުގައި އެމަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދިއުމުން އެކަމަށް ހައްލު ހޯދުމަށް އެމްޑީޕީން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ މައްސަލައަށް ހައްލެއް ހޯދައިދީ ހުކުމެއް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގައި މަޖިލީހުގެ ނައިބް ރައީސް ފިޔަވާ އެހެން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މަޖިލީހުގެ ގަވައިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަމަށާއި މަޖިލިސް ހުއްޓިގެންދާ ގޮތަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށެވެ. މިއީ އެމްޑީޕީން ކޯޓުގައި ވަކާލާތު ކުރި ގޮތެވެ.

އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދުނު ދެވަނަ ކަމަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ނުގެންގޮސް ދެން އެހެން އެއްވެސް މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމެވެ. ކޯޓުން މިކަމުގައި ނިންމާފައިވަނީ އިންތިހާބީ ރައީސް ހުވާކުރެއްވުމާއި، ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމާއި، ވަޒީރުންނަށް ރުހުން ދިނުން ފަދަ ބޮޑެތި މައްސަލަތައް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރެއް އޮތް ނަމަވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޑިމޮކްރެޓްސް އަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ. އަދި އެ ޕާޓީއަކީ މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އަދި އެ ދެ ބޭފުޅުން ނެތް ވަގުތުތަކުގައި އާންމު ގޮތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވެސް ނިސްބަތްވާ ޕާޓީ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޑިމޮކްރެޓުން އެއްބާރުލުން ދޭނަންތޯ އަވަސް އިން ސުވާލުކުރުމުން ޑިމޮކްރެޓުންގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެ ޕާޓީން އެއްވެސް އިރަކު ދެކޮޅު ހަދާފައި ނުވާނެ ކަމަށެވެ. ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކުރިއަށްދާނަމަ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެއްބާރުލުން ދޭނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމައެކަނި މިދަންނަވަނީ މަޖިލިސް ކުރިއަށް ދާން ޖެހޭނީ ގަވައިދާ އެއްގޮތަށޭ. އޭރުން އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ،" އާޒިމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މާދަމާ ފުރަތަމަ ފަހަރަށް ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. ޖަލްސާ އެޖެންޑާ ކުރިއިރު ރައީސް ނަޝީދު ހުންނެވީ ޔޫއޭއީ ގައެވެ. ނަމަވެސް މިއަދު އެމަނިކުފާނު މާލެ ވަޑައިގަންނަވާނެ ކަމަށް ދަ ޑިމޮކްރެޓުން ބުނެ އެވެ. އެކަމަކު ރައީސް ނަޝީދު ޖަލްސާއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއް އެ ޕާޓީއަކުން ނުދެ އެވެ.