ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޑރ. ޖަމީލް، ޕީޕީއެމް އިން ވަކިވެވަޑައިގެންފި

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ޕީޕީއެމް އިން މިއަދު ވަކިވެވަޑައިގެންފި އެވެ.

ޑރ. ޖަމީލް ޕީޕީއެމް އިން ވަކިވެވަޑައިގެންފައި މިވަނީ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށްފަހު ޕީޕީއެމްގެ ހިންގުން ހުއްޓުވައި އަދި ރައީސް އަބްދުﷲ ޔާމީނާ މެދު އަމަލުކޮށްދެއްވާނެ ކަމަށް ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް އަމަލުކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ ޑރ. މުއިއްޒަށް ފާޑުވިދާޅުވުމަށްފަހު އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލް ޑރ. ޖަމީލް ވަނީ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިއުލާންވެސް ކުރައްވާފަ އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ އުފެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްވެސް މިހާރު ވަނީ ނިންމަވާފަ އެވެ.

ޕީޕީއެމް 2011 ގައި އުފެއްދިތާ ކުރީކޮޅު ޑރ. ޖަމީލް ޕީޕީއެމް އާއި ގުޅިވަޑައިގެން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނަވައި އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. ޖަމީލް، ނައިބް ރައީސް ކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމާ ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ އެކު ޖަމީލް ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެން ޔާމީންގެ ރިޔާސީ ދައުރު ނިމެންދެން ބޭރުގައި މަޑުކުރައްވާފަ އެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން އުފެއްދި ކޯލިޝަންގެ ލީޑަރަކަށް ވަޑައިގަތުމަށްޓަކައި ޕީޕީއެމް އިން ވަކިވެވަޑައިގަތެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރުކުރުމާ އެކު މަޑުމަޑުން ދެ ބޭފުޅުން ގުޅުން ރަނގަޅު ކުރެއްވުމަށްފަހު ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލްގެ ގޮތުގައި ޑރ. ޖަމީލް މަސައްކަތް ފެއްޓެވި އެވެ. އަދި އެ ދުވަސްވަރު އަލުން ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރަން ނިންމަވައި އެމަނިކުފާނުގެ ރަނިންމޭޓަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީވެސް ޑރ. ޖަމީލް އެވެ. އެކަމަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވައިގެން ކާމިޔާބު ހޯއްދެވީ ރައީސް ޑރ. މުއިއްޒު އެވެ.