ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި މިއަދު ތުރުކީއަށް ފުރާވަޑައިގެންފި އެވެ.
ރައީސް މުއިއްޒުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވި އެެވެ.
ރައީސް އޮފީހުން ބުނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ދައުވަތަކަށް ރައީސް މުއިއްޒު ތުރުކީއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ އިސް ބައެއް ވެރިންނާ ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ރައީސް މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ތުރުކީ ދަތުރުފުޅަށްފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުރިއަށްދާ ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ސަމިޓް -- ކޮޕް 28ގައި ބައިވެރިވެވަޑައިގަތުމަށްފަހު ކަމަށެވެ.
ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފައި މިވަނީ މިދަތުރުފުޅުގެ ކުރިން ސައުދި އަރަބިއްޔާ ވަޑައިގަތުމަށް ދަތުރުފުޅެއް އިންތިޒާމުކުރެއްވުމަށްފަހު އެވެ. ސައުދީ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގަތުމަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް އެ ދަތުރުފުޅު ފަސްކުރެއްވީ ކުއްލި ގޮތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމަށްފަހު ހުވާކުރެއްވުމުގެ ކުރިން މުއިއްޒު ވަނީ ސިންގަޕޫރަށާއި ޔޫއޭއީ އަށް އަމިއްލަ ދަތުުރުފުޅެއް ކުރައްވާފަ އެވެ.