އީވާ އަބްދުﷲ

އީވާ މަގާމުން ވަކިކުރަން ތްރީލައިން ވިޕް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިން ވިޕް ނެރެފި އެވެ. މިފަދަ ވިޕަކަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަމަލުކުރުން މަޖުބޫރުވާނެ އެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މިމައްސަލައިގެ ނޯޓިސް އީވާ އާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިން ވިޕް ނެރުނީ މިއަދު ބޭއްވި އެ ގުރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އީވާ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އީވާ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީއާ އެކު އިގުރާރެއްގައި ސޮއި ކުރައްވައިގެން އެމްޑީޕީގެ ޓިކެޓް ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ. އީވާއަށް އެމްޑީޕީގެ މެންބަރުން ވޯޓު ދިނީ އެ ޕާޓީގެ ސިޔާސަތުތައް ކުރިއަރުވައި ޕާޓީއާ އެކު އިހްލާސްތެރިކަމާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް އީވާ އަމިއްލަފުޅަށް އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށް ގަރާރުގައިވެ އެވެ. އެހެންވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އީވާއަށް ކުރި އިތުބާރު ގެއްލިފައިވާ ކަމަށްވެސް ގަރާރުގައިވެ އެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅި މައިގަނޑު އަނެއް ސަބަބަކީ މަޖިލީހުގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތަށް ވަޑައިނުގެން މަޖިލިސް ހުއްޓުވުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާތީ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުމުން އެތައް ދުވަހަކަށް މަޖިލިސް ހުއްޓުވުމަށްފަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ އެކު މަޖިލިސް ކުރިއަށް ގެންދެވޭނެ ހައްލުތަކެއް ލިބުމާ އެކު ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖުލައި މަހުގެ ތެރޭގައިވެސް އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅި އެވެ. އޭރު ހުށަހެޅި ނަޝީދުގެ މައްސަލައިގައި 54 މެންބަރުން އަދި އީވާގެ މައްސަލައިގައި 50 މެންބަރުން ސޮއިކުރެއްވި އެވެ. ނަމަވެސް އެމްޑީޕީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ދެ މައްސަލަ ވެސް އަނބުރާ ގެންގޮސްފަ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުން -- 22 މެންބަރުންގެ ސޮޔާއެކު އެވެ. އީވާގެ އިތުބާރު ނެޔް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅީ 54 މެންބަރުންގެ ސޮުޔާ އެކު އެވެ.