ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް އޮތް ޑިސެމްބަރު ހަތްވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިދައުރު ކުރިއަށް އޮތް ޑިސެމްބަރު ހަތްވަނަ ދުވަހު ދިގުދަންމާލުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމާ ގުޅިގެން 51 މެންބަރުން ވަނީ ދައުުރު ދިގުދަންމާލުމަށް ތާއީދުކޮށް ވޯޓު ދެއްވާފަ އެވެ. މިހުށަހެޅުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު މި ވޯޓުގައި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަ މެންބަރަކު އިންނެވި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ މަޖިލީހުގެ މިދައުރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ނިންމާލުމަށް އެބަހުރި ކަމަށެވެ. އެކަމަކު މިމަހުގެ ނިޔަލަށް ހިނގަމުންދާ ދައުރު ނިމޭނެތީވެ އެ މުއްދަތަށް އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ނުފެންނާތީ ކުރިއަށް އޮތް ޑިސެމްބަރު ހަތްވަނަ ދުވަހުގެ ނިޔަލަށް ހިނގަމުންދާ ދައުރުގެ މުއްދަތު އިތުރުކުރަން ބޭނުންވަނީ ކަމަށެވެ.
މަޖިލީހުގައި އަމަލުކުރާ އާންމު އުސޫލަށް ބަލާއިރު މަޖިލީހުގެ އާންމު ޖަލްސާތައް ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ކަމަށްވާތީ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މާދަމާއަށް ނިމޭނެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ އެންމެ މުހިއްމު ދެ މައްސަލަ އަކީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެވެ.
ބަޖެޓް ބަހުސް އިއްޔެ ނިންމާލާފައިވާއިރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އޮތީ ކޮމިޓީ މަރުހަލާގައެވެ.