ތުރުކީއާއި ރާއްޖެއާ ދެމެދު ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި އިއްޔެ ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުުރުފުޅުގެ ތެރެއިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ހާޒިރުގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ތުރުކީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ޓްރޭޑް މިނިސްޓަރު އޮމާ ބޮލަޓް އެވެ.
މިއެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ސަރުކާރަކުން އަދި ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒާއި ރައީސް އުރުދުޣާންއާ ދެމެދު ކުރިއަށް ދިޔަ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށެވެ.
ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށް ދެ ރައީސުން އެއްބަސްވެވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.