ޑރ. އައިޝަތު ރަމީލާ

މިނިސްޓަރު ރަމީލާ ކެންސަރަށް ފަރުވާކުރެއްވުމަށް ފުރާވަޑައިގަންނަވަނީ

Nov 29, 2023

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އިންޑިއާއަށް ފުރާވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.

ޑރ. ރަމީލާއަށް ކެންސަރު ޖެހިފައިވާ ކަމާއި އެކަން އެނގިވަޑައިގަތީ އެންމެ ފަހު ސްޓޭޖުގައި ހުއްޓާ ކަމަށް އެކަމަނާ ހާމަކުރެއްވީ މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ވަރަށް ބަރު ހިތަކާ އެކު މިވަގުތަށް އެންމެންނާ މިވަކިވަނީ،" ރަމީލާގެ ޕޯސްޓުގައި އަސަރާއެކު ލިޔުއްވާފައިވެ އެވެ.

"ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ،" ރަމީލާ ވިދާޅުވި އެވެ.

ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. ރަމީލާ ފަރުވާ ހޯއްދަވަނީ ކެންސަރުގެ ކޮން ބާވަތަކަށް ކަމެއް އެކަމަނާ ހާމަކުރައްވާފައެއް ނުވެ އެވެ.

އެގްރިކަލްޗާ މިނިސްޓަރު ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާކަން ރައީސް އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

މިނިސްޓަރު ޑރ. ރަމީލާގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރު ރަމީލާއަށް ގުޅުއްވާ ހިތްވަރު ދެއްވެވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ރަމީލާ ގައުމީ ހިދުމަތް ފެއްޓެވީ ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު އެވެ. މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް އެކަމަނާ ހުންނެވީ އެވިޑް ކޮލެޖުގެ އިސް މަގާމެއްގައެވެ.

ޑރ. ރަމީލާ ސިޔާސީ ގޮތުން ފާހަގަކުރެވިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.