ޠާރިގު އިބްރާހީމް

ކޮޕް ސަމިޓްގައި ފަންޑް ހޯދަން އިސްކަންދޭނަން: ތޯރިގު

ތިމާވެށީގެ މައްސަލަތަކުގައި ފައިސާ ދިނުމަށް ހަދާފައިވާ އެކިއެކި ފަންޑުތަކުން ފަސޭހައިން ފައިސާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކޮޕް 28 ސަމިޓްގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކޮޕް ސަމިޓް ކުރިއަށްދާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ސަމިޓްގައި 160 ގައުމ

ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިވަގުތު ތުރުކީގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ޔޫއޭއީ އަށް ވަޑައިގަންނަވާނެ އެވެ. ކޮޕް ސަމިޓްގައި ރައީސް ތަގުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކޮޕް ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ތޯރިގު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަށް މިހާރަށް ވުރެ ބޮޑަށް ދުނިޔެއިން ސަމާލުވެ އެއްބާރުލުން ދިނުމަށް ރާއްޖެއިން އެދޭނެ ކަމަށެވެ. އަދި ތިމާވެށީގެ މައްސަލަތަކުގައި ގައުމުތަކަށް ލިބޭ ގެއްލުންތަކަށް އެހީވުމަށް އެކި ފެންވަރުގައި ހަދާފައިވާ ފަންޑުތަކުން ފަސޭހަ އިންތިޒާމެއްްގެ ތެރެއިން ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރާނެ ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައިވެސް މިކަންކަމަށް ބާރުއަޅުއްވާނެ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖައްވަށް ވިހަ ގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުގެ ބޭފުޅުން ބައްދަލުކުރައްވާ ޖައްވަން ދޫކުރާ ވިހަ ގޭސް މަދުކުރުމަށް އެފަދަ ގައުމުތަކުގައި އެދޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮޕް ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގަތުމުގެ އެންމެ ބޮޑު ބޭނުމަކީ ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެއަށް ހުރި ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސް ރާއްޖެއަށް ބޭނުންވާ ފައިސާ ހޯދަން ބާރުއެޅުން ކަމަށެވެ.

ތިމާވެށީގެ މައްސަލަތަކުގައި ގައުމުތަކުގެ ވެރިން އެއްތަންވެ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް -- ކޮޕް ސަމީޓްގައި ރާއްޖެ އަކީ އަބަދުވެސް އަޑުގަދަ ނަން ހިނގާ ގައުމެކެވެ.