މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

93 ސަރަހައްދެއް ހިމާޔާތްކޮށްފައި، ބެލެހެއްޓެނީ ފަސް ތަނެއް

ރާއްޖޭގައި ހިމާޔާތްކޮށްފައިވާ 93 ސަރަހައްދުގެ ތެރެއިން ބެލެހެއްޓެނީ ފަސް ސަރަހައްދެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހިމާޔާތްކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން ބައެއް ސަރަހައްދުތައް ހިމާޔާތްކޮށް، އެތަންތަން ބެލެހެއްޓޭނެ ގޮތް ހެދުމަށް ސަރުކާރުން އަމާޒުކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ބަލަހައްޓަމުން އަންނަ ފަސް ތަނުގެ އިތުރަށް ހިމާޔާތްކޮށްފައިވާ ސަރަހައްދުތަކަކީ ނަފާ ލިބޭ ތަންތަނަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެކަމަށް ބޭނުންވާ ފައިސާ ހޯދަމުން އަންނަ ކަމަށާއި ޓްރެއިިނިންތައް ވެސް ހަދަމުންދާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ބަލަހައްޓާ ސަރަހައްދުތައް

  • ބ. އަތޮޅު ހަނިފަރު ބޭގެ ސަރަހައްދު
  • ބ. އޮޅުގިރި ސަރަހައްދު
  • ބ. މެންދޫ ސަރަހައްދު
  • ފުވައްމުލަކު ދަނޑިމަގު ކިޅި
  • އައްޑޫ އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަހައްދު

ބ. އަތޮޅުގެ ސަރަހައްދުތައް އެ އަތޮޅުގެ ބަޔޮސްފިޔާ އޮފީހުން ބަލަހައްޓަމުން އަންނަ އިރު ފުވައްމުލަކު ސަރަހައްދާއި އައްޑޫގެ ސަރަހައްދު ބަލަހައްޓަނީ އެ ސިޓީތަކުގެ ކައުންސިލުންނެވެ.

ރާއްޖޭގައި މިހާތަނަށް ހިމާޔާތްކޮށްފައިވާ ސަރަހައްދުތަކުގައި ޖުމްލަ 64،095.2 ހެކްޓަރުގެ ބޮޑުމިން ހުރެއެވެ.

ރައީސް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ވައުދާ އެއްގޮތަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.