ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލް ޝިފާގު މުފީދު (ހިސްޓޯ) އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ޕީއެންސީގެ މިހާރުގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޝިފާގު ވަނީ ޕީއެންސީގެ މިހާރުގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"މަނިކިފާނާއި އަޅުގަނޑު ނިސްބަތްވާ ޕާޓީ ހިނގާ މަގަކީ 'ހައްދުންމަތިން' އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވައި، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް "ހައްޕުނޑު" ބުރުވުމުގެ ނޭއްގާނީ އުސޫލު،" ޝިފާގުގެ ސިޓީގައިވެ އެވެ.
ޝިފާގުގެ އިސްތިއުފާގެ ސިޓީގައި އަބްދުއްރަހީމަށް ފާޑު ވިދާޅުވެފައި މިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ވަރަށް އިސް މަގާމުތަކަކަށް އަބްދުއްރަހީމްގެ އާއިލީ ބޭފުޅުންނާއި އާއިލީ ގޮތުން ގުޅިފައިވާ އެތައް ބަޔަކު ހަމަޖައްސާފައިވާތީ އާންމުންގެ ފާޑުކިޔުންވެސް ބޮޑުވެފައި ވަނިކޮށެވެ.
"މިފަދަ ހާލަތެއްގައި މެންބަރުންގެ މޫނުމަތި މާލީސްކޮށްގެންވެސް އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހިންގެ ރާއްޖެ ދިވެހިން އެދޭ މަގަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ މިސާހިތުން ފެށިގެން ޕީޕަޕްސް ނެޝަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނަރަލް ކަމުގެ މަގާމާއި އަދި ޕާޓީގެ މެންބަރު ކަމުން އަޅުގަނޑު އިސްތިއުފާ ދީފީ މެވެ." ޝިފާގުގެ ސިޓީގައިވެ އެވެ.
ޝިފާގު މީގެ ކުރިން ވަނީ އެމްޑީޕީ. ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގައިވެސް މަސައްކަތް ކުރައްވާފަ އެވެ.
ޝިފާގު ޕީއެންސީ އިން ވަކިވެވަޑައިގެންފައި މިވަނީ ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހޯދާފައި ވަނިކޮށެވެ.