ބޭރު ކުޅިވަރު

ފަހަތުން އަރައި ޔުވެންޓަސް ބަޔާން މިއުނިކް ހިފަހައްޓައިފި

ޖަރުމަނުގެ ބަޔާން މިއުނިކް ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދު އިޓަލީގެ ޔުވެންޓަސް އާކޮށްފި އެވެ.

މި މެޗުގެ ފުރަތަމަ ދެ ލަނޑު ބަޔާން އަށް ޖަހައިދިނީ އާޔެން ރޮބެން އާއި ތޯމަސް މުލާ އެވެ. އެކަމަކު ފަހު ހާފުގައި ޕައުލޯ ދީބާލާ އާއި ސްޓުރާރޯ ޖެހި ގޯލުތަކުން ޔުވެންޓަސް އަށް ވަނީ އުއްމީދު އާވެފަ އެވެ.

މި ދެ ޓީމުގެ ފަހު ލެގު ކުޅޭނީ މީގެ ހަފުތާއެއް ފަހުން ބަޔާންގެ ދަނޑުގަ އެވެ.

މެޗަށް ފަހު ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗަށް ނުކުތްއިރު ވެސް އޭނާގެ ޓީމުގައި ސެންޓަރަލް ޑިފެންޑަރުން ނެތުމުގެ މައްސަލަ އޮތް ކަމަށާއި ދެ ލަނޑު ޖެހުމުން ފަސޭހަކޮށްލެވުނީ ކަމަށެވެ.

އޭނާ ބުނީ އާޖެންޓީނާގެ ފޯވަޑް ދީބާލާއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ޔުވެންޓަސް މެޗުގައި ވަރަށް ހިތްވަރު ކުރި ކަމަށެވެ. އަދި ދެ މެޗު އަމިއްލަ ދަނޑުގައި އޮތުމަކީ ބަޔާން އަށް އޮތް އެޑްވާންޓޭޖެއް ކަމަށެވެ.