މެންޗެސްޓާ ސިޓީ

އިނގިރޭސި އެފްއޭ ކަޕް މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފި

އިނގިރޭސި ވިލާތުގެ އެންމެ ޝާހީ ފުޓްބޯޅަ މުބާރާތުގެ ތަށި އިނގިރޭސި އެފްއޭ ކަޕް، މެންޗެސްޓާ ސިޓީ އިން ހޯދައިފި އެވެ.

ރޭ އިރާކޮޅު އިނގިރޭސިވިލާތުގެ ވެމްބްލީގައި ކުޅެވުނު ވާދަވެރި ފޯރިގަދަ މެޗުން ސިޓީ މޮޅުވީ މުޅި އެފްއޭ ކަޕްގެ ތާރީހުގައިވެސް މެޗް ފެށިގެން މިހާތަނަށް އެންމެ އަވަހަށް ޖެހި ގޯލާއެކު މެންޗެސްޓަރ ޔުނައިޓެޑް 2-1 އިން ބަލިކުރުމަށްފަހު އެވެ.

ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ޖާމަނީގެ ތަރި އަދި ސިޓީގެ ކެޕްޓަން ގުންދުޣާން މެޗް ފެށިގެން 12 ވަނަ ސިކުންތުގައި އެފްއޭކަޕްގެ ތާރީޚު މުގުރާލި ގޯލް ޖެހީ މެޗްގެ ރަސްމިއްޔާތު ފަށަން އެރުވި ހަވާގެ ދުންތައްވެސް މައިތިރި ނުވަނީހެވެ.

ގުންދުޣާން، 32، ހޫނު މޫސުމުގައި ސިޓީ ދޫކޮށްލަން ނިންމާފައިވާއިރު އޭނާ ވަނީ ސިޓީގައި ކާމިޔާބު ހަތް އަހަރު ހޭދަކޮށްފަ އެވެ. ގުންދުޣާންގެ މި ގޯލަކީ އެފްއޭ ތާރީޚުގައިވެސް ފައިނަލެއްގައި އުމުރުން މިހާ ދޮށީގެ ކުޅުންތެރިޔަކު ލަނޑުޖެހި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން އެ ރެކޯޑް އޮންނަނީ ޔުނައިޓެޑާއި ދެކޮޅަށް ބޯލްޓަން ވޮންޑަރާސް އިން 1958 ގައި ޖެހި ގޯލާއެކު ނެޓް ލޮފްޓްހައުސް އަތުގަ އެވެ.

ސިޓީގެ ގޯލް ޖެހިތާ 33 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ސިޓީގެ ޓްރެބްލް އުއްމީދު ވަގުތުކޮޅަކަށް ފަނޑުކޮށްލައި ލިބުނު ޕެނަލްޓީ އަކުން ޕޯޗްގަލް ތަރި ފެނާންޑޭޒް ގޯލް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން ހަތް މިނެޓް ފަހުން އަނެއްކާވެސް ކެޕްޓަން ގުންދުޣާން ވަނީ ޑިބްރޭނާގެ ހުރަހަކުން ގޯލް ޖަހައި ލީޑް ނަގައިދީފަ އެވެ.

މި ނަތީޖާގައި އޮވެ މެޗް ނިންމައި ހަތްވަނަ ފަހަރަށް އެފްއޭ ކަޕް ސިޓީން ހޯދާފައިވާއިރު ސިޓީ މިވަނީ މުޅި އިނގިރޭސި ތާރީޚުގައިވެސް އެއް ސީޒަނެއްގައި ތިންތަށި ހޯދައި ޓްރެބްލްގެ ރެކޯޑް ހަދާ ދެވަނަ ޓީމަށް ވުމަށްވެސް ފުރުސަތު ހޯދާފަ އެވެ. މިހާތަނަށް އެ ރެކޯޑް އޮތީ 1998-1999 ސީޒަން ގައި ސާ އެލެކްސް ފާގަސަން އާއެކު މި ކާމިޔާބު ހަމައެކަނި ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑް އަތުގަ އެވެ.

ސިޓީގެ މިކާމިޔާބަކީ އިނގިރޭސި އެފްއޭ ކަޕާއެކު ލީގް ތަށި ހޯދައި ޑަބަލް އެއް ހެދިގެންދިޔަ 13 ވަނަ ފަހަރެވެ.

"މިހާރު އަހަރެމެންނަށް ޓްރެބްލް އެއްގެ ވާހަކަ ދެއްކިދާނެ. އެކަމަކު އަދި އަހަރެމެން ޗެމްޕިއަންސް ލީގް ހޯދަން ޖެހޭ. ސިޓީ އަށާއި ފޭނުންނަށް އަހަރެމެން މޮޅު ކުޅުމެއް ދައްކައިދީފިން. މިއަދު އަހަރެމެންނަށް ވަރަށް މުހިންމު. އެފްއޭ ކަޕް ލިބުމުން ވަރަށް ފުރިހަމަ،" ސިޓީގެ މެނޭޖަރު ކަމާއި 2016 ގައި ހަވާލުވުމަށްފަހު 11 ޓްރޮފީ ހޯދާފައިވާ ކާމިޔާބު ކޯޗް ޕެޕް ގާޑިއޯލާ ބުންޏެވެ.

އަބޫދާބީގެ ޝައިޚް މަންސޫރު ބިން ޒައިދް އަލް ނަހްޔާންގެ ކްލަބް މެންޗެސްޓާ ސިޓީ-- ޗެމްޕިއަންސް ލީގްގެ ފައިނަލްގައި އިޓަލީގެ އިންޓަމިލާނާއި ދެކޮޅަށް ތުރުކީގެ އިސްތަންބޫލްގައި ކުޅޭ މެޗް މި މަހު 10 ގައި އޮންނާނެ އެވެ.