ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 4-1ގެ ބޮޑު ތަފާތަކުން ލިސްބަން ކާމިޔާބުކޮށްފި އެވެ.
އަންނަ ހަފްތާ ސްޕޯޓިން ބެންފިކާގެ ކޯޗުކަމާ ހަވާލުވާ ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ސްޕޯޓިން ލިސްބަން ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖެހީ ކުރީގެ ޗެމްޕިއަން ސިޓީ އެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓްގައި މި ގޯލް ސިޓީއަށް ކާމިޔާބުކޮށްދިނީ ފިލް ފޯޑެން އެވެ.
އެހެންނަމަވެސް މެޗުގެ 38 ވަނަ މިނެޓުގައި ޖޮވާނީ ގުއެންޑާގެ އެހީގައި ވިކްޓާ ގޮއިކޮއެޗްސް މެޗު އެއްވަރު ކުރި އެވެ. ދެވަނަ ހާފު ފެށިގެން ދެ މިނެޓު ތެރޭގައި މެކްސިމިލިއާނޯ އަރައުހޯ ސްޕޯޓިންއަށް ދެވަނަ ގޯލު ޖަހައިދިނެވެ. އޭގެ ދެ މިނެޓް ފަހުން ސްޕޯޓިން އިން ވަނީ އެ ޓީމުގެ ތިންވަނަ ގޯލް ވެސް ޖަހާފަ އެވެ. ޕެނަލްޓީއަކުން ސްޕޯޓިންއަށް މި ގޯލް ޖަހައިދިނީ ގޮއިކޮއެޗްސް އެވެ.
ސިޓީއަށް މެޗަށް އެނބުރި ވަނުމުގެ ފުރުސަތު ހާލަންޑަށް ލިބުނު ޕެނަލްޓީއަކުން ލިބުނެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ގޮއިކޮއެޗްސް އޭނާގެ ތިންވަނަ އަދި ސްޕޯޓިންގެ ހަތަރުވަނަ ގޯލުވެސް ޖެހި އެވެ.
މި މޮޅާއެކު ސްޕޯޓިން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި ގްރޫޕްގެ ދެވަނަ ހޯދާފަ އެވެ. އެއީ ތިން މެޗު މޮޅުވެ އެއް މެޗުން އެއްވަރުވެގެންނެވެ. އަދި ސިޓީ އޮތީ ހަތް ޕޮއިންޓާއެކު ތިންވަނައިގައެވެ.