އީވާ އަބްދުﷲ

އީވާ ވަކިކުރުމުގެ ޖަލްސާ ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދިއުމުގެ ޖަލްސާ ފަށައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމުގެ ގަރާރު މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

މިމައްސަލައިގެ ނޯޓިސް އީވާ އާއި މެންބަރުންނަށް ފޮނުއްވީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން އެމްޑީޕީން ވަނީ ތްރީލައިން ވިޕް ނެރެފަ އެވެ. މިފަދަ ވިޕަކަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަމަލުކުރުން މަޖުބޫރުވާނެ އެވެ.

އީވާ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އީވާ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީއާ އެކު އިގުރާރެއްގައި ސޮއި ކުރައްވައިގެން އެމްޑީޕީގެ ޓިކެޓް ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ. އީވާއަށް އެމްޑީޕީގެ މެންބަރުން ވޯޓު ދިނީ އެ ޕާޓީގެ ސިޔާސަތުތައް ކުރިއަރުވައި ޕާޓީއާ އެކު އިހްލާސްތެރިކަމާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް އީވާ އަމިއްލަފުޅަށް އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށް ގަރާރުގައިވެ އެވެ. އެހެންވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އީވާއަށް ކުރި އިތުބާރު ގެއްލިފައިވާ ކަމަށްވެސް ގަރާރުގައިވެ އެވެ.