ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ކަމަށް އެމްޑީޕީގެ ތިން މެންބަރަކު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
މީގެތެރޭގައި ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިތުރު ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.
މަޖިލީހުގެ ނައިބް ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި މިއަދާ ހަމައަށް ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަނިކޮށް އީވާ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމާ ގުޅިގެންނެވެ.
އެހެންވެ މަޖިލީހުގެ ނައިބް ރައީސް ހޮވުމަށް މިރޭ 8:30ގައި ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކުރައްވާފަ އެވެ.
މަޖިލީހުގެ ނައިބް ރައީސް ކަމަށް ކުރިމަތިލެއްވި އެމްޑީޕީގެ ބޭފުޅުންގެ ތެރެއިން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރަކީ ރޮޒައިނާ އެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވާލެއްވި ހާއްސަ މަޖިލީހުގައިވެސް މެންބަރުކަން ކުރައްވާފަ އެވެ. އަދި 2009 ވަނަ އަަހަރުން ފެށިގެން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މަޖިލީހުގެ ނައިބް ރައީސް ކަމަށް ހޮވާނެ ބޭފުޅަކު ކަނޑައެޅުމަށް މިއަދު ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިބައްދަލުވުމުގައި ބޭފުޅަކު ހޮވާނީ ސިއްރު ވޯޓުންނެވެ.