އިމިގްރޭޝަން

ސިޓީތަކުގައި ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ރާއްޖޭގެ ހުރިހާ ސިޓީތަކަކުން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ގޮތެއް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ، ފުވައްމުލަށް، ތިނަދޫ އަދި ކުޅުދުއްފުށިން ޕާސްޕޯޓް ލިބުން އަވަސްކުރުމަށް އާ ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު ނިންމަވާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މިބަދަލު ގެނައީ ހިދުމަތްތައް ލިބުން އަވަސްކޮށް އަދި ފަސޭހަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ އެ ވިސްނުންފުޅާވެސް އެއްގޮތަށް ކަމަށެވެ.

އަލަށް މިގެނައި ބަދަލާ ގުޅިގެން އައްޑޫ އިން މިހާރު ހަފްތާ އަކު ހަތަރު ދުވަހު ޕާސްޕޯޓް ދޫކުރާނެ އެވެ، ކުރިން ދޫކުރަމުން ދިޔައީ ހަފްތާ އަކު ދެ ދުވަހު އެވެ. ފުވައްމުލަށް، ތިނަދޫ އަދި ކުޅުދުއްފުށިން ކުރީގައި ޕާސްޕޯޓް ދޫކުރަމުން ދިޔައީ ހަފްތާ އެއް ދުވަހު އެވެ. މިހާރު އެ ތިން ސިޓީގައި ހަފްތާ އަކު ދެ ދުވަހު ޕާސްޕޯޓް ދޫކުރާނެ އެވެ.

އިމިގްރޭޝަނުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އީ-ގޭޓް ހިދުމަތްވެސް އަލުން ފަށާފަ އެވެ. އަދި ދިވެހިން ރާއްޖެއިން ފުރާއިރާއި އެނބުރި ރާއްޖެ އަންނައިރު ކުރިން ފުރަމުން ދިޔަ "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ފުރަން ނުޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފަ އެވެ.