ކެބިނެޓް

ވަޒީރުން ޕީއެންސީއާ ގުޅެނީ

Dec 4, 2023

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ބައެއް ވަޒީރުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކުރައްވައިފި އެވެ.

އެގޮތުން ޕީއެންސީއާއި މިހާތަނަށް ގުޅިވަޑައިގެންފައިވާ ވަޒީރުންގެ ތެރޭގައި ހިމެނެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)އާއި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި، ޓުރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްް އާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރަކީ ޕީއެންސީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ގޮތަށް އެ ޕާޓީގައި ތިއްބެވި ދެ ވަޒީރުންނެވެ.

ޕީއެންސީގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވަޒީރުންވެސް ޕީއެންސީއަށް ސޮއިކުރައްވާނެ އެވެ.

"ވަޒީރުންނަކަށް ނޯންނާނެ ޕީއެންސީއަށް ސޮއިކުރުމަށް އެއްވެސް މަޖުބޫރުކަމެއް. އެބޭފުޅުން ބޭނުންވެގެން އެކަން ކުރައްވާނީ،" އޮފިޝަލް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު މުހައްމަދަކީ ޕީއެންސީއާ އެކު މަސައްކަތް ކުރާ ޕީޕީއެމްގެ ދެ ނައިބް ރައީސުން ކަމަށްވާތީ އެ ދެ ބޭފުޅުން ޕީޕީއެމްގައި ތިއްބަވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރުން ތިއްބަވަ އެވެ. މީގެތެރޭގައި ތިން އަންހެން ބޭފުޅުންވެސް ހިމެނެ އެވެ.