އަބްދުލްޣަފޫރު މޫސާ

241 ކޮމިޓީގެ މުގައްރިރަކަށް ޣަފޫރު

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ -- 241 ކޮމިޓީގެ މުގައްރިރަކަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ޣަފޫރު މޫސާ އިންތިހާބުކޮށްފި އެވެ.

މި ކޮމިޓީގެ މުގައްރިރަކަށް ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސަށް ދާއިމީ އެއްވެސް ކޮމިޓީއެއްގެ މުގައްރިރު ކަމެއް ނުކުރެވޭނެ އެވެ.

މުގައްރިރަކު ހޮވުމަށް މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ޣަފޫރުގެ ނަން ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދެވެ. ތާއީދުކުރެއްވީ ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ސަލީމެވެ.

ކޮމިޓީގެ މުގައްރިރަކަށް ޣަފޫރު ހަމަޖެއްސުމަށް ފާސްވީ އެ ވަގުތު ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޣަފޫރަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ސިފައިންގޭގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަކީ މަޖިލީހުގައި އޮންނަންވާނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ހަމައެކަނި ކޮމިޓީ އެވެ.