ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސޯލިހް (ފާތޭ) އައްޔަންކުރައްވައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މަޖިލީހުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވަނީ މިއަދުގެ ވަގުތެއްގައި ފާތޭ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން މިއަދު އޮފީހަށް ނިކުންނެވި ކަމަށް ޔަގީންކޮށްދެއްވަފަ އެވެ.

ޒިޔާއު ވިދާޅުވީ ފާތޭ މަގާމަށް އައްޔަންކުރެއްވީ މަޖިލީހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ހަމަޖެއްސުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ނިމިދިޔަ ވެރިކަމުގައި ފާތޭ އެންމެ ފަހުން ހުންނެވީ ރައީސް ސޯލިހް ސެކްރެޓަރީގެ މަގާމުގަ އެވެ.

ފާތޭ މީގެކުރިން ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ދެ ރައީސުންގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފެބްރުއަރީ 1986 ގައި މަސައްކަތް ކުރައްވަން ފެއްޓެވި ފާތޭ ވަނީ ނިމިދިޔަ ސަރުކާރު ނިމުމާ އެކު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.