ފެނަކަ ކޯޕްރޭޝަން

އެއްވެސް މުވައްޒަފެއް ވަކިކޮށްފައެއް ނުވާނެ: ފެނަކަ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފެނަކަ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އަދި މިހާތަނަށް ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކަ އިން އެ ކުންފުނީގެ މުވައްޒަފުންނާ ގުޅޭގޮތުން ވާހަކަދައްކާފައި މިވަނީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ފެނަކަ އޮފީސްތަކުގައި މަސައްކަތް ކުރަމުން ދިޔަ އެތައް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

ފެނަކައިގެ ފަރާތުން އަވަސްއާ މިއަދު ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ފެނަކަ އިން މުވައްޒަފުންތަކެއް ވަކިކޮށްފައިވާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ ހަގީގީ މައުލޫމާތުތަކެއްގެ މައްޗަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އެކި ދުވަސްވަރަށް މުއްދަތު ހަމަވާ ގޮތަށް އެތައް ސަތޭކަ ބަޔަކަށް ފެނަކަ އިން ވަގުތީ ވަޒީފާތަކެއް ދީފައިވާ ކަމަށެވެ. މިހާރު އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެފަދަ އެއްބަސްވުންތަކުގެ މުއްދަތު އާނުކުރަން މިހާރުގެ މެނޭޖުމަންޓުން ނިންމާފައިވާ ކަމަށެވެ.

"ވަގުތީ ކޮންޓްރެކްޓްތަކެއްގައި ތިބި ބައެއްގެ ކޮންޓްރެކްޓް ހަމަވެގެން އިތުރަށް ކޮންޓްރެކްޓް އާނުކުރުމަކީ މުވައްޒަފުންތަކެއް ކަނޑާލުން ކަމަށް ވާނީ ކިިހިނެއްތޯ؟،" އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ފެނަކައިގެ ތަފާތު އެކި މަޝްރޫއުތަކަށް އެ މަޝްރޫއު ނިމުމުން ދޫކޮށްލައި ގޮތަށް މުވައްޒަފުން ނަގާފައިވެ އެވެ. އެގޮތުން އޮފީސް އިމާރާތް އެޅުމަށާއި ފެނަކަ އާއި ހަވާލުވެފައި ހުރި އެހެން ބައެއް މަސައްކަތްތަކަށް 2،000އާ ގާތްކުރާ އަދަދަކަށް ވަގުތީ މުވައްޒަފުންގެ ގޮތުގައި މީހުންނަށް ވަޒީފާ ދީފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަނަކީ އަބަދުވެސް ކޮރަޕްޝަނާ ފަސާދައިގެ އަމަލުތައް ހިންގާ އަދި ދަރަނި ބޮޑު ކުންފުންޏެއް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ބޮޑު ކުންފުންޏެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުނުއިރު ފެނަކައިގައި 8،000 އެއްހާ މުވައްޒަފުން ތިއްބެވެ.