ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރޯދަ މަހު ބިލްތަކުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ސްޓެލްކޯ އާއި ފެނަކަ އިން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ރޯދަ މަހު ހަރަދުތައް ބޮޑުވާތީ ރޯދަ މަހުކުރާ ހަރަދަށް ލުއި ދިނުމުގެ ގޮތުން ރޯދަ މަހު ފޮނުވާ ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސް ނިންމެވި ކަމަށެވެ.
ފަހުމީ ވިދާޅުވީ ހުރިހާ ޑޮމެސްޓިކް ކޮންސިއުމަރުންނަށް ޑިސްކައުންޓް ދީފައިވާ ކަމަށާއި އަލަށް ކަރަންޓް ލާފައިވާ ގޭބިސީއަށްވެސް ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.
"ރަމަޟާން މަހު ޑިސްކައުންޓަށް 20 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ދެވުނު. ފެނާއި ކަރަންޓުން،" ފަހުމީ ވިދާޅުވި އެވެ.
ބައެއް ކޮންސިއުމަރުންނަށް ބިލްކުރެވުނުއިރު ރޯދަ މަސް ކުޑަވާ ގޮތަށް ބިލް ކުރެވުނު ނަމަވެސް ގިނަ ކޮންސިއުމަރުންނަށް ބިލް ކުރެވިފައިވަނީ ރަނގަޅަށްކަން ފަހުމީ ފާހަގަކުރެއްވި އެވެ.
"ބިލިންގް ސައިކަލް މި ހުންނަ ގޮތުން އަޅުގަނޑުމެންނަށް އެހާ ފަސޭހަކަމެއް ނޫން މާލޭގައި 48،000 ކޮންސިއުމަރުންނަށް ރޯދަ މަހު ފެށޭ ދުވަހު ރީޑިން ނަގާފައި އަދި ނިމޭ ދުވަހު ރީޑީން ނަގާކަށް،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ އެގޮތަށް ބިލްކުރި ނަމަވެސް ގޮންޖެހުންތަކެއް ދިމާވާނެ ކަމަށެވެ. އެ ގޮތުން ކުލި އަދި މުސާރަ ލިބޭ ގޮތުން އުނދަގޫތަކެއް ދިމާވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި (ޑިސްކައުންޓް) ދެވިފައި ހުރީ ރަނގަޅު ޕީކްއަކަށް. އަދި ބިލަށްވެސް ބަލާލާއިރުގައި ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް ދެވިފައި ހުރީ ރަނގަޅު ޕީރިއަޑް،" ފަހުމީ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެ ކުންފުނިން ޑިސްކައުންޓްގެ ގޮތުގައި 25 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
ފެނަކައިން ބިލްކުރަނީ މަހުގެ 25 އިން އަނެއް މަހުގެ 24 އަށް ކަން ފާހަގަކުރައްވާ މުއާޒް ވިދާޅުވީ ފުރަތަމަ ޑިސްކައުންޓް ދިން ބިލުގައި ހިމެނިފައިވާނީ ރޯދަމަހުގެ އެއްބައި ކަމަށާއި ރޯދަ މަސް ނޫން ދުވަސްތައްވެސް އެ ބިލުގައި ހިމެނޭނެ ކަމަށެވެ.
މުއާޒް ވިދާޅުވި ގޮތުގައި ޑިސްކައުންޓް ހަދާފައިވާނީ އެ ދުވަސްތަކާއެކު އެވަރެޖަށްވުރެ އިތުރުވި ބަޔަށެވެ.